ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިން މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އަދީބަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާލުމުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް މަަދަދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަން، މަޖިލީހަށް ހުށަހެޅި ކުއްލި އެ މައްސަލައިގާ ފާހަގަކޮށްފައިވެއެވެ.
ބޭސް ފަރުވާއަށް އަދީބު ބޭރަށް ފޮނުވާއިރު އޭނާ ފިލިޔަ ނުދޭން ކަރެކްޝަނަސް އިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލީހުގެ، މިނިވަން މުއައްސަސާތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްވެސް މީކާއިލްގެ ކުއްލި މައްސަލައިގާ އެދިފައިވެއެވެ.
ކަރެކްޝަންސުން ބުނެފައިވާގޮތުގައި ބޭސް ފަރުވާއަށް އަދީބު ބޭރަށް ދިއުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިންނެވެ.
ބޭސް ފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާއިރު އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ހުކުމް މިހާރު ވަނީ ބާތިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް