އެއް ދަންފަޅިއަށް ސުކޫލުތައް ބަދަލުކުރުމުން ކިޔެވުން ފެށޭނީ ފަތިސް ނަމާދުން ކަމަށް އެޑިއުކޭޝަން މިނިސްޓްރު، ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ފަތިސް ނަމާދަށްފަހު ކުދިން ތަފާތު ކުޅިވަރާއި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު، ގެއަށް ގޮސް ސުކޫލަށް ތައްޔާރުވެގެން އައިސް ސްކޫލުން ނާސްތާ ކުރުމަށްފަހު، ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެއަށްފަހު މިނިސްޓަރު ވަނީ އިއްޔެ ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަން ފާހަގަ ކުރައްވާފައެވެ.
އެއް ދަންފަޅިއަށް ކިޔަވައިދެނީ ހަމައެކަނި ސެޝަން ބަދަލު ކުރުމުގެ ބޭނުމުގައި ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭގެ ބޭނުމަކީ ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތް ގާއިމްކޮށް، ވަށާޖެހޭ ތައުލީމަކަށް ދަރިވަރުން ލޯހުޅުވި، އެހެން މީހުންނާ އެކީ އުޅެން ދަސްވެފައިވާ ހުނަރުވެރި ކުދިންތަކަކަށް ވުންކަމުގައެވެ.
އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ސުކޫލު ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން އާއިލާ އާއި އެކީ ހޭދަކުރޭ ވަގުތު ގިނަވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއް ދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާއާއެކު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ގިނަ ސުކޫލުތަކެއްގައި ކިޔަވައިދެނީ އެއްދަންފަޅިއަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް