އިންޑިއާގައި މިހާރު އިންތިހާއަށް ހޫނުގަދައިރު އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ. އެމީހުން މަރުވެފައިވަނީ ރޭލެއްގެ ތެރޭގައެވެ.
އެ ރޭލަކީ އާގްރާއިން ކޮއިންބަތޫރަށް ދަތުރުކުރި ރޭލެކެވެ. އެމީހުން މަރުވީ ރޭލުގެ ތެރޭގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ ހާސްވުމުގެ ސަބަބުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން މިހާރު އުޅެނީ 45 ޑިގްރީ ސެލްސިއަސް އާއި 50 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައެވެ.
މިހާ ހޫނުގަދަ އިރު އިންޑިއާގައި ދުއްވާ ގިނަ ރޭލުތަކަކީ ދަނގަޑުން ހަދާފައި ހުންނަ ރޭލުތަކަކަށް ވެފައި ފަންކާ އާއި ވައި ރަނގަޅަށް ދައުރު ނުވާނެހެން ހުންނަ ރޭލު ކޮމްޕާޓްމެންޓުތަކުގައި ހޫނު އިންތިހާއަށް ގަދަވާނެއެވެ.
އިއްޔެ ހިނގި މި ހާދިސާއާއި ބެހޭގޮތުން އެ ރޭލާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މަރުވި ހަތަރު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނެއެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވެގެން ވެއްޓުނީ ރޭލުގެ ތެރެއަށެވެ. އަނެއް މީހާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް