ސްޕެއިންގެ ކޯޗު ލޮޕެޓެގީ ވޯލްޑް ކަޕަށް ފަހު ރެއާލް އާ ހަވާލުވާނެ

ޒިދާންގެ އިސްތިއުފާއަށްފަހު ރެއާލްގެ ކޯޗުކަމާ ހަވާލު ވާނެ ފަރާތަކާމެދު ބަހުސް އުފެދިފައިވަނިކޮށް، ވޯލްޑް ކަޕަށް ފަހު، ސްޕެއިންގެ މިހާރުގެ ކޯޗު ހުލެން ލޮޕެޓެގީ އެ މަގާމާ ހަވާލުވާނެ ކަމަށް އެ ކްލަބުން ރ...

12 Jun 2018 | 16:33

ޒިދާންގެ އިސްތިއުފާއަށްފަހު ރެއާލްގެ ކޯޗުކަމާ ހަވާލު ވާނެ ފަރާތަކާމެދު ބަހުސް އުފެދިފައިވަނިކޮށް، ވޯލްޑް ކަޕަށް ފަހު، ސްޕެއިންގެ މިހާރުގެ ކޯޗު ހުލެން ލޮޕެޓެގީ އެ މަގާމާ ހަވާލުވާނެ ކަމަށް އެ ކްލަބުން ރަސްމީކޮށް ހާމަކޮށްފިއެވެ.

ރެއާލް މެޑްރިޑުން ލޮޕެޓެގީ ކޯޗުކަމަށް ހަމަޖެއްސިއިރު، މީގެ ކުރިން އަޑު ފެތުރިފައިއޮތީ، ރެއާލް އިން ޓޮޓެންހަމް ނުވަތަ ޕޯޓޯގެ މިހާރުގެ ކޯޗަށް ފާރަލަމުން އައި ކަމަށެވެ.

ރެއާލް މެޑްރިޑާއެކު ލޮޕެޓެގީ އެއްބަސްވުމަކަށް އައިއިރު، އޭނާ ވަނީ ސްޕެއިން އާއެކު ހަދާފައިވާ އެއްބަސްވުން މީގެ މަހެއް ކުރިން އިތުރު 2 އަހަރަށް އާކޮށްފައެވެ. އެހެނަސް މި ނިންމުމާއެކު، ވޯލްޑް ކަޕް ނިމުނުހާ އަވަހަކަށް ލޮޕެޓެގީ ސްޕެއިންގެ ކޯޗުގެ މަގާމް ދޫކޮށް ރެއާލްއާ ހަވާލުވާނެއެވެ.

"ރަޝިޔާގައި އޮންނަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު، ރެއާލް މެޑްރިޑްގެ ކޯޗަކީ ހުލެން ލޮޕެޓެގީ" ރެއާލް އިން ނެރުނު ބަޔާނެއްގައިވެއެވެ.

ރެއާލް އިން ސްޕެއިންގެ މިހާރުގެ ކޯޗު އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ހަމަޖައްސާފައިވާއިރު، ލޮޕެޓެގީ ސްޕެއިން ގޮވައިގެން ވޯލްޑް ކަޕްގައި ފުރަތަމަ ވެސް ނުކުންނާނީ ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށެވެ.

ރެއާލްއަށް ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު ޒައިނުއްދީން ޒިދާން މަގާމުން ވަކިވިއިރު، އަލަށް ހަމަޖެއްސި ކޯޗަކީ ސްޕެއިންގެ 19 އަހަރުން ދަށާއި، 20 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗު ކޮށްދީފައިވާ މީހެކެވެ. އަދި މީގެ އިތުރުން 2008 އަދި 2009 ގައި ރެއާލް މެޑްރިޑްގެ "ބީ" ޓީމަށް ވެސް ލޮޕެޓެގީ ވަނީ ކޯޗުކަން ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް