ޅައިމަގު އެކުވެރިންގެ ރޫހުގެ އިޤްރައު ޤުރުއާން މުބާރާތް ފަށައިފި

ށ. ޅައިމަގު އެކުވެރިންގެ ރޫހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އިޤްރައު" ޤުރުއާން މުބާރާތް 1439 ފަށައިފި އެވެ. މިއީ މި މުބާރާތް ބާއްވާ 12 ވަނަ އަހަރެވެ. މި މުބާރާތުގެ ކިޔެވުން ކ...

12 Jun 2018 | 16:24

ށ. ޅައިމަގު އެކުވެރިންގެ ރޫހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އިޤްރައު" ޤުރުއާން މުބާރާތް 1439 ފަށައިފި އެވެ.

މިއީ މި މުބާރާތް ބާއްވާ 12 ވަނަ އަހަރެވެ. މި މުބާރާތުގެ ކިޔެވުން ކުރިޔަށް ދަނީ މިއަދާއި މާދަމާ ޅައިމަގު ސްކޫލް ހޯލުގައި އެވެ.

މި މުބާރާތް ބާއްވަނީ ކޮންމެ އަހަރެއްގެ ރޯދަ  މަހާއި ދިމާކޮށެވެ. އެ ޖަމިއްޔާގެ ރައީސް އާދަމް އާޒިމް ވިދާޅުވީ މިފަދަ މުބާރާތެއް މިހާ ދިގު މުއްދަތެއްގައި މެދު ކެނޑުމެއްނެތި ބޭއްވުމުގެ މަގުސަދަކީ ރަށުގައި އުފެދިފައިވާ ދީނީ ރޫހާއި، ޤުރުއާނުގެ އިލްމު އާލާކޮށް، ރޯދަ މަހުގެ ދުވަސްތަކުގައި ދީނީ ކަންކަމުގައި ޝާމިލްވުމަށް ދަރިވަރުންނަށް ބާރު އެޅުން ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާއިން އަމިއްލަ ފަރާތްތަކަށާއި އެ ރަށުގެ ސްކޫލް ދަރިވަރުންނަށް ހުޅުވާލި އެވެ. މުބާރާތުގައި އުމުރުން ހަތަރު އަހަރާއި 16 އަހަރާއި ދެމެދުގެ 65 ކުދިން ބައިވެރިވެފައިވެ އެވެ. އެއީ ނުބަލާ ކިޔެވުމުގެ ބައިން 36 ކުދިންނާއި ބަލައިގެން ކިޔެވުމުގެ ބައިން 29 ދަރިވަރުންނެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ ށ. ފުނަދޫ ސްކޫލްގެ ދެ ޤުރުއާން ޓީޗަރުންނާއި ޅައިމަގު ސްކޫލްގެ ޤުރުއާން ޓީޗަރެކެވެ.

ޅައިމަގު އެކުވެރިންގެ ރޫހުން ބުނީ މި މުބާރާތުގައި ކިޔަވާ ކޮންމެ އުމުރު ފުރާއަކުން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހޮވައި އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

މި މުބާރާތް ހިންގައި، އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެނީ އެ ރަށުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް