ކެންސަރު ބައްޔާ ހަނގުރާމަކޮށް އެ ބަލިން ސަލާމަތްވެފައިވާ ބޮލީވުޑްގެ ބަތަލާ މަނީޝާ ކޮއިރަލާގެ ދިރިއުޅުން ފިރިހެނަކާއި ހެދި ހަލާކުވިޔަ ދެން ނުދޭނެ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން މަނީޝާ ބުނީ ލޯބީގެ ދިރިއުޅުން ނުވަތަ ކައިވެންޏަކީ އޭނާގެ ދިރިއުޅުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. ދެން ދުވަހަކުވެސް މީހަކުދެކެ ކުރީގެ ފިރިމީހާ ދެކެވެ ލޯބިވީ ވަރަށް ލޯބި ނުވާނެ ކަމަށް އޭނާ ބުންޏެވެ. މަނީޝާގެ ވާހަކައިން ދޭހަވި ގޮތުގައި އޭނާ ފިރިމީހާ އޭނާ ދޫކޮށްލީ ކެންސަރު ބަލީގެ ޝިކާރައަކަށް ވުމުންނެވެ.
މަނީޝާ ބުނީ އޭނާ އަކީ ލޯބީގައި ނާކާމިޔާބު މީހެއްކަމަށް އަމިއްލައަށް ގަބޫލު ކުރާ ކަމަށެވެ. އެހެންވެ އިތުރު ފިރިހެނަކު އޭނާގެ ދިރިއުޅުމަށް އައިސް ކެރިއަރާއި ދިރިއުޅުން ހަލާކު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. މަނީޝާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ކެންސަރު ބަލި މާބޮޑުވީވެސް ދިރިއުޅުމުގައި ކަން ދިމާވި ގޮތުންނެވެ.
މިހާރު އުމުރުން 47 އަހަރުގެ މަނީޝާ ކައިވެނި ކުރީ ވިޔަފާރިވެރިއެއް ކަމަށްވާ ސަމްރަތް ދަހަލް އާއި އެވެ. އެ ކައިވެނި 2010 ވަނަ އަހަރު ކުރުމަށް ފަހު ދެމީހުން ވަނީ އޭގެ ދެ އަހަރު ފަހުން 2012 ވަނަ އަހަރު ވަރިވެފައި އެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދައިގެން އެ ބަލިން ސަލާމަތްވުމަށް ފަހު މިހާރު އޭނާ ވަނީ އަނެއްކާވެސް ފިލްމު ކުޅެން ފަށާފައި އެވެ. އެންމެ އަވަހަށް މަނީޝާ ފެންނާނީ ސަންޖޭ ދަތުގެ ބަޔޯ ޕިކް "ސަންޖޫ" އިންނެވެ. އެ ފިލްމުގައި މަނީޝާ ފެނިގެންދާނީ ސަންޖޭ ދަތުގެ މަންމަ ނަރުގިސްގެ ރޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް