އޮސްޓްރިއާގައި ހަތް މިސްކިތެއް ބަންދުކޮށް ގިނަ އިމާމުންތަކެއް ބޭރު ކުރަނީ

ހަތް މިސްކިތެއް ބަންދުކޮށް 60 އާއި ގާތްކުރާ އަދަދަކަށް އިމާމުން ބޭރުކުރަން ނިންމާފައިވާކަމަށް އޮސްޓްރިއާގެ ސަރުކާރުން އިއުލާނުކޮށްފިއެވެ. މިމަހުގެ އަށްވަނަ ދުވަހު މިނިންމުން އިއުލާނުކުރަމުން އެގައުމުގ...

12 Jun 2018 | 02:58

ހަތް މިސްކިތެއް ބަންދުކޮށް 60 އާއި ގާތްކުރާ އަދަދަކަށް އިމާމުން ބޭރުކުރަން ނިންމާފައިވާކަމަށް އޮސްޓްރިއާގެ ސަރުކާރުން އިއުލާނުކޮށްފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު މިނިންމުން އިއުލާނުކުރަމުން އެގައުމުގެ ޗާންސެލާ ޒެބާސްތިއަން ކުއަދސް ބުނެފައިވަނީ މިގޮތަށް ނިންމަން ޖެހުނީ ގައުމީ ސަލާމަތަށްޓަކައި ކަމަށެވެ. އަދި މިކަން އިއުލާނު ކުރި ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެގައުމުގެ ކަލްޗަރަލް މިނިސްޓަރ ބުނެފައިވަނީ ބަންދުކުރި ހަތް މިސްކިތަކީ ދީނުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މިސްކިތްތަކެއް ކަމަށެވެ. ބަންދުކުރި ހަތް މިސްކިތަކީވެސް ސަލަފީންނަށް ނިސްބަތް ވާކަމަށް ބެލެވޭ މިސްކިތްތަކެވެ.

އޮސްޓްރިއާއިން ބޭރުކުރުމަށް ހަމަޖެހިފައިވާ އިމާމުންގެ ތެރެއިން 40 އިމާމުންނަކީ ތުރުކީ ސަރުކާރާއި ގުޅުން އޮންނަ ކަމަށް އެގައުމުގެ ސަރުކާރުން ތުހުމަތު ކުރާ އިމާމުންނެވެ. 2015 ވަނަ އަހަރު އަހަރު އޮސްޓްރިއާގައި ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން އެއްވެސް ދީނީ ތަނަކަށް އެހެންގައުމަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން މަނަލެވެ. އަދި މި ގާނޫނުގެ ދަށުން ހުރިހާ އިސްލާމީ ޖަމާއަތްތަކުން  އެގައުމަށާއި އެގައުމުގެ މުޖުތަމައާއި މެދު ރަނގަޅަށް ދެކުމަށާއި ކަންތައް ކުރުމަށް ލާޒިމްކުރެއެވެ.

އޮސްޓްރިއާގެ ވައިސް ޗާންސެލަރ ހައިންސް ކްރިސްޗިއަން ސްޓްރެޖް ބުނެފައިވަނީ މިއީ އަދި ފެށުމެއްކަމުގައެވެ. މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ ދީނީ ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށްޓަކައި މިއީ މުހިންމު ނިންމުމެއް ކަމުގައެވެ.

މި ނިންމުމާއި ދެކޮޅު ފަރާތްތަކުން ބުނަމުންގެންދަނީ މި ނިންމުމަކީ އެގައުމުގެ ސިޔާސީ މައިދާނުގައި އިސްލާމްދީނާއި ދެކޮޅު ފަރާތްތަކުން ނިންމި ނިމްމުމެއް ކަމަށެވެ. މި ނިންމުން ވަނީ ތުރުކީގެ ރައީސް ތައްޔިޕް އުރުދުއާން ކުއްވެރިކޮށްފައެވެ. އުރުދުއާންގެ ތަރުޖަމާނު އިބްރާހިމް ހާލިދް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޮސްޓްރިއާ ސަރުކާރުގެ ނިންމުމަކީ އެގައުމުގައި ހިންމުންދާ އިސްލާމްދީނާއި ދެކޮޅު، ނަސްލީ ތަފާތުކުރުން، އަދި އާންމު ތަފާތުކުރުން ތަކުގެ ތެރެއިން ހިނގައިދިޔަ ކަމެއްކަމަށެވެ. އަދި މިނިންމުގެ ބޭނުމަކީ މުސްލިމް މުޖުތަމައަށް ފުރައްސާރަކޮށްގެން ސިޔާސީ ފައިދާއެއް ހޯދުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް