ބާސެލޯނާގެ ޑެލެފޭއު 13 މިލިޔަނަށް ވަޓްފޯޑަށް ބަދަލުވެއްޖެ

ބާސެލޯނާއިން ވަޓްފޯޑަށް ލޯނަށް ދޫކޮށްފައިވާ ގެރާޑް ޑެލެފޭއު ދާއިމީކޮށް އެ ޓީމަށް ވިއްކާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެ ދެ ކްލަބުން ހާމަކޮށްފިއެވެ. ސްޕެއިންގެ ފޯވާޑް ޑެލެފޭއު، އިނގިރޭސި ކ...

11 Jun 2018 | 20:10

ބާސެލޯނާއިން ވަޓްފޯޑަށް ލޯނަށް ދޫކޮށްފައިވާ ގެރާޑް ޑެލެފޭއު ދާއިމީކޮށް އެ ޓީމަށް ވިއްކާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެ ދެ ކްލަބުން ހާމަކޮށްފިއެވެ.

ސްޕެއިންގެ ފޯވާޑް ޑެލެފޭއު، އިނގިރޭސި ކްލަބް ވަޓްފޯޑަށް ބާސާއިން ވިއްކާލީ 13 މިލިޔަން ޔޫރޯ އަށެވެ. މީގެ އިތުރުން ޑެލެފޭއު ވަޓްފޯޑްގައި ދައްކާ ކުޅުމުގެ މައްޗަށް ބަރޯސާ ވާގޮތަށް އިތުރު 4 މިލިޔަން ލިބޭނެފަދަ މާއްދާތަކެއް ޓްރާންސްފާ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

އުމުރުން 24 އަހަރުގެ ޑެލެފޭއު އިނގިރޭސި ކްލަބާއެކު 5 އަހަރު ދުވަހު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި ވަޓްފޯޑުން އޭނާ އެހެން ކްލަބަކަށް ވިއްކާލާނަމަ، އެ ޓްރާންސްފާއެއްގެ ވަކި އިންސައްތައެއް ބާސެލޯނާއަށް ލިބޭނެފަދަ މާއްދާއެއް ވެސް ޓްރާންސްފާ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ބާސެލޯނާގެ ލާ މާސިއާ އެކަޑަމީން ތަމްރީނުވި ޑެލެފޭއު، ބާސާއާއެކު ފުރަތަމަ މެޗަކަށް ނުކުތީ 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެހެނަސް ބާސެލޯނާގައި އެންމެ އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބުނުއިރު، އޭނާ ވަނީ މީގެ ކުރިން ލޯނު އެއްބަސްވުންތަކެއްގެ ދަށުން އެވަޓަން، ސެވިއްޔާ އަދި އޭސީ މިލާން އަށް ވެސް ކުޅެ ތަޖުރިބާ ހޯދާފައެވެ.

ސްޕެއިން އިން ވޯލްޑް ކަޕަށް ނެގި ސްކޮޑުން ޑެލެފޭއު އަށް ޖާގަ ނުލިބުނުއިރު، ކުރިއަށް އޮތް ދުވަސްތައް އޭނާ ހޭދަކުރާނީ ވަޓްފޯޑްގެ ތަމްރީނު ތަކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް