އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި580 ޓަނުގެ ކާބޯތަކެތި ހިފައިގެން އެގައުމުގެ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.
އެ ތަކެތި ރާއްޖެ ގެނައީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގަ އެވެ. މި ފަހަރު ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ކާބޯތަކެތީގެ ބާވަތްތަކެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަންފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު އަދި 26 ޓަނުގެ ފިޔާގެ އިތުރުން 14 ޓަނުގެ އަލުވި އެވެ.
މި އެހީ އާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވަނީ މިދިޔަ މަހުގެ20 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ކުރެއްވި މަޝްވަރާތަކުގައި އެވެ. މިއީ އެހީގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދޭން ނިންމާފައިވާ ތަކެތީގެ ތެރެއިން ބައެއް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެ އެވެ.
މި އެހީ އަކީ އިންޑިއާގެ ‘އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް’ (ސާގަރް) ޑޮކްޓްރިންގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާ އިން ފޯރުކޮށްދޭ އެހީ އެކެވެ. ރާއްޖޭގެ އިތުރުން ސީޝެލްސް، ކޮމޮރޮސް، މަޑަގަސްކަރަ އާއި މޮރިޝަސް އަށް މި ދަތުރުގައި އެހީ ގެންދާނެ އެވެ.
މިއަދު އެހީގެ ތަކެތި ހިފައިގެން މަނަވަރު ރާއްޖެ އައުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ހާލަތުގައި ވެސް ރާއްޖޭގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި އިންޑިއާ ސާބިތުކަންމަތީ އޮތް ކަމަށެވެ. އަދި އިންޑިއާއިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީއަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު އެހީއެއް ކަމަށާއި އެކަމަށްޓަކައި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
https://twitter.com/ibusolih/status/1260121727042019337
އިންޑިއާ ހައިކޮމިޝަނުން ބުނީ ކާބޯތަކެތީގެ މި އެހީ އަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ބަރަކާތްތެރި ރޯދަ މަހުގައި ދެވޭ، ދެ ގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ވާ ގާތް ގުޅުމުގެ އިތުރު ހެއްކެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް