އިސްލާމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކުރި ކަދުރުތައް މާލޭގައި ބަހަން ފަށައިފިއެވެ.
މި ކަދުރަކީ ރޯދަ މަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނު ކަދުރެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ބަހަން ހަމަޖެހިފައި ވަނީ 4268 ޕެކެޓު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެ މިނިސްޓްރީން ބުނީ، ކަދުރު ބެހުމުގެ މަސައްކަތް މިއަދު 9:30 އިން ފެށިގެން ކުރިއަށް ދާކަމުގައެވެ.
ކަދުރު ބަހަން ފަށާފައި ވަނީ ޕޮލިސް ޓޯޔާޑް ކައިރީ ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ސެކްޝަނުގައެވެ. ކަދުރު ބަހާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް، އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.
މިފަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންނަށް ކަމަށާއި، ކޮންމެ ގޭބިސީ އަކަށް ދެނީ އެއް ޕެކެޓް ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް