ކުރީގެ އަދަދާ ގުޅޭ...
މަންހާ ކޮޓަރިއަށް ވަތްގޮތަށް އެނދުމަތީގައި އިނީއެވެ. މަންހާ ވިސްނަމުން ދިޔައީ ދެންމެ ފެނުން މަންޒަރާއި ދޭތެރޭއެވެ. ރާނީގެ ނުފެންނަ ފަޅި މިރޭ މިފެނުނީ ހާދަ ބިރުވެރި ގޮތަކަށެވެ. އެ ބިރުވެރި ސިފައަށް ޒިއަންގެ ހިތް ލެނބުނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަކީ ރާނީ އަށް ވުރެ ހާސް ބައި ރީތި މީހެކެވެ. މަންހާ ކަހަލަ ރީތި ކުއްޖަކު ލިބެން ހުއްޓައި ޒިއަން މޮޔަވެގެން ހަންޑި އަކާ އެ އިނީ ކީއްވެގެން ހެއްޔެވެ. ރާނީ މޫނުން ދައްކައިގެން ހުންނަ ފަޅި ކިތަންމެ ރީތި ކަމުގައި ވިޔަސް، ރާނީ ފޮރުވައިގެން އެ ހުންނަނީ އޭނާގެ ހަންޑި ސިފައެވެ. ޒިއަން އަކީ މޮޔައެވެ. ޒިއަން ފަކުރުވެސް ނުގަންނަނީ ހެއްޔެވެ. އެ މޫނު ފެނުމުން މަންހާ މިހާރުވެސް އެ އިނީ މޭނުބައި ކޮށްފައެވެ. މަންހާގެ މުޅި ގައިން ދާހިއްލަން ފަށައިފިއެވެ. ޔަގީނުންވެސް ރާނީ މިގެއަށް އެއައީ ރޫހާނީ އެހީއެއްގެ ބޭނުންކޮށްގެންނެވެ. އެހެން ނޫންނަމަ ޒިއަން އެހާ ފަސޭހައިން އެ ހަންޑިއާއި އަޅައިގަތީ ކީއްވެގެން ހެއްޔެވެ. ޒިއަން އަކީ އަބަދުވެސް ރީތި އެއްޗިއްސަށް ލޯބި ކުރާ މީހެއްކަން މަންހާ އަށް އިނގެއެވެ.
ވިސްނި ވަރަކަށް މަންހާގެ ބޮލުގެ ރިހުން އިތުރުވަމުން ދިޔައެވެ. ރާނީ ކަމެއް ސިއްރުކުރާނަމަ އެކަމެއް މަންހާ ހޯދާނެއެވެ. ރާނީ ކިތަންމެ ވަރަކަށް އެ މޫނު ފޮރުވަން މަސައްކަތް ކުރިކަމުގައި ވިޔަސް، އެ ސޫރަ މުޅި ދުނިޔެއަށް މަންހާ ފަޟީހަތް ކުރާނެކަން ޔަގީނެވެ. މަންހާގެ އަތްދަށުން ރާނީ ސަލާމަތް ވާކަށް ލާހިކެއް ނޫނެވެ. ރާނީ ޖެހޭނީ ޒިއަންގެ ދިރިއުޅުމުން ދުރަށްދާށެވެ. މިގެއިން ޖާގަ ހޯދި ގޮތަށް އަދި ޒިއަންގެ ދިރިއުޅުމުންވެސް އޭނާ ޖާގަ ހޯދާނެއެވެ. ވިސްނަން އިނުމަށްފަހު މަންހާ ފާހާނާއަށް ވަނެވެ.
****
ޒިއަން މެންނަށް ގަމަށް ދެވުނީ އެދުވަހުގެ އިރު އޮއްސުން ފަހުންނެވެ. އެމީހުން ތިބުމަށް ހަމަޖެހިފައި ވަނީ މާޒިންގެ ބައްޕަގެ ގޭގައެވެ. ދުވަސްކޮޅަކަށްފަހު ދަރިފުޅު ފެނުމުން މާޒިންގެ ބައްޕަ މަނިކު ހުރީ ނިކަން އުފާވެފައެވެ. މަނިކު އަބަދުވެސް ބޭނުންވަނީ މާޒިން އޭނާގެ ކައިރީގައި ބަހައްޓާށެވެ. މާޒިން މާލެ ގެންދިޔައީ މާޒިންގެ މަންމަ މުއުމިނާ އެވެ. މަނިކު އާއި މުއުމިނާ ވަކިވީ މާޒިންގެ އުމުރުން ސޯޅަ އަހަރުގައެވެ. އޭރުއްސުރެ މުއުމިނާ މާޒިން ގޮވައިގެން އުޅެނީ މާލޭގައެވެ.
"ދަރިފުޅު ހާދަ ބަދަލުވެއްޖެއޭ ދޯ؟" މާޒިން ފެނުމުން މަނިކު ބުނެލިއެވެ. ޒިއަން އާއި އީމާން އަށް ވެސް މަނިކު ގޮވައިލީ ވަރަށް ލޯބިންނެވެ. އެގެއިން އެމީހުންނަށް ލިބުނީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އެމީހުން ހީކުރި ވަރަށް ވުރެވެސް މާޒިންގެ ގެ ރީއްޗެވެ.
"ކައެ މިތާ އުޅޭންވީމައޭ ގޮސް ކުޑަ ގޮޅިއަކަށް ފެތެގެން ތި އޮންނަނީ" އެނދު މައްޗަށް ވެއްޓިގަންނަމުން ޒިއަން ބުނެލިއެވެ.
"މަންމަ އޭ... މިފަހަރުވެސް އަންނާތީ ކިޔަނީ އެހެން ރަށަކަށް ދާންވީނުހޯ ބޮޑު ކަމެއް" މާޒިން ވެސް އެނދު މައްޗަށް ވެއްޓިގަތެވެ.
"މި ދަތުރު ކައެމެން ވާނެ ބިޓުން ހޯދަން" ޒިއަން ބުނެލިއެވެ.
"އަހަރެމެން ކައެ ހާ ރީއްޗެއް ނޫނޭ... ފުނަދޫ އިން ބިޓެއް ވެސް ނުލިބުނު... މިފަހަރު ބަލާނަން ލިބޭތޯ" ތުން ދަމައިލަމުން މާޒިން ބުނެލިއެވެ.
"އެފަހަރު ތިން ހަފްތާއިން ނުވިކަމެއް މިފަހަރު އެއް ހަފްތާއިން ވޭތަ؟" ހިނިގަނޑެއް ޖަހައިލަމުން އީމާން ބުނެލިއެވެ. ޒިއަން ކައިރިޔަށް ވެސް ހިނިއައެވެ.
"ބަލައްޗޭ މިފަހަރު އިނގިއްޔަކަށް ބިޓެއް ހޯދާނަން" މިހެން ބުނުމަށްފަހު މާޒިން ފާހާނާއަށް ވަނެވެ. ޒިއަން އާއި އީމާން ބާރު ބާރަށް ހޭން ފެށިއެވެ.
****
ހެނދުނު ހޭލުމަށްފަހު ރާނީ އެންމެ ފުރަތަމަ ވެސް ގުޅައިލީ ޒިއަން އަށެވެ. ނަމަވެސް ޒިއަން ފޯނެއް ނުނަގައެވެ. ރޭގައިވެސް ރާނީ އަށް ގުޅައިގެން ދެ ޖުމްލަ ބުނެލާއިރަށް ޒިއަން އަށް ނިދިއްޖެއެވެ. ރާނީ ހުރީ ޒިއަން އާއި ވަރަށް ވާހަކަ ދައްކާލާ ހިތުންނެވެ. އެހެން ކަމުން ރާނީ ދެ ތިން ފަހަރު ޒިއަން އަށް ގުޅައިލިއެވެ. ނަމަވެސް ޒިއަންގެ ހަބަރެއް ނުވިއެވެ. އެހެން ކަމުން ފޯނު ޗާޖަށް ޖެހުމަށްފަހު ރާނީ ދިޔައީ ހެނދުނުގެ ސައި ހަދަން ބަދިގެއަށެވެ.
ރާނީ ދިޔައިރު ޒާހިދާ ހުރީ ފުށް މޮޑެފައެވެ.
"މަންމަ މިދަނީ ޒިއަންގެ ބޮޑުދައިތަ ތަންކޮޅެއް ބަލިކޮށް އުޅޭތީ އެގެއަށް ގޮސްލަން އިނގޭ... ދެން ޖެހޭނީ ރޮށި ފިހެލަން... މަންމަ މިހިރީ ރިހަވެސް ކައްކާފަ" ރާނީ އަށް ކިޔައިދިނުމަށްފަހު ޒާހިދާ ނިކުމެގެން ދިޔައެވެ.
ޒާހިދާ ނިކުމެގެން ދިއުމުން ރާނީ އުޅުނީ ރޮށި ފިހުމުގެ މަސައްކަތުގައެވެ. ރާނީ އުނދުން ކައިރީ ހުއްޓައި ދެމީހަކު އައިސް ކާކޮޓަރި އަށް ވަނެވެ. އެހުރި ގޮތަށް ހުރެ ރާނީ އިސްތަށިގަނޑު ރީތިކޮށްލިއެވެ.
"ކިތަންމެ ފޮރުވަން އުޅުނަސް ތި ހަންޑި ސިފަ ފެނެއްޖެ" މަންހާ ގޮވައިލިއެވެ. ރާނީ އަޅައެއް ނުލައެވެ.
"ހަންޑި އެކޭ އެއީ" ދެން އިވުނު އަޑުން ރާނީގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ރާނީ ފަހަތް ބަލައިލިއެވެ. ރާނީ ސިހުނީ މަންހާ އާއި އެކީ ކާ މޭޒު ކައިރީ އިށީންދެ އިން ޝިޔާ ފެނުމުންނެވެ. ޝިޔާގެ މޫނަށް ބަލައިލުމަށްފަހު ރާނީ ރޮށި ފިހުމާގެން މަސްއޫލުވިއެވެ.
"ވަރަށް ދެރަ ދޯ މާލެ މީހަކާއި އިނދެގެން އައިސް ނޯކަރެއްހެން އުޅެން ޖެހުނީމަ" މަންހާ ބުނެލިއެވެ. ދެން އިވުނީ ޝިޔާ ބާރު ބާރަށް ހޭންފެށި އަޑެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ނުދީ މަސައްކަތް ކުރެވޭތޯ ރާނީ ބެލިއެވެ. ނަމަވެސް އަޑު ނާހައި ރާނީ އަކަށް ނުހުރެވުނެވެ.
"ޔަގީނޭ ކޮންމެވެސް ފަންޑިތައެއް ހަދައިގެން ޒިއަން އާ އިނީ... އެހެން ނޫންނަމަ ތިކަހަލަ ބަކަމޫނަކާ އިންނާނީ ކާކުތަ؟" މަންހާގެ ވިހަ ބަސްތަކުން ރާނީގެ ހިތް ބަލިކަށިވަމުން ދިޔައެވެ. އެ ކިޔާ އެއްޗިއްސަށް ސަމާލުކަން ނުދޭން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އަޑު ނާހައި ރާނީ އަކަށް ނުހުރެވެއެވެ.
"ގެނެސްބަލަ ތި ރޮށި ތަށި މިތަނަށް" މަންހާ ގޮވައިލިއެވެ. ރާނީ ހަމަ އަޅައިވެސް ނުލައި ހުރީއެވެ.
"ރާނީ ނުފުއްޕައްޗޭ... ކަލޭ އަދި މަގޭ ފައި ވެސް ފުހެދޭނެ ބަލައްޗޭ..." މަންހާ ތެދުވެގެން އައިސް ރޮށިތަށި ގެންދަމުން ބުނެލިއެވެ. ރާނީ ދެންވެސް އަނގަޔަކުން ނުބުނެއެވެ.
"ހިތުން މޮޅުތަކެއް ވާނެކަމަށްތަ ފިލައިގެން އައީ... ވާ މޮޅު އެބަ ފެނެއެއްނު... ފިރިމީހާ ލާމުގަ މަޖާ ކުރަނީ... އަނބި މީހާ ގޭގަ ރޮށި ފިހަނީ" ޝިޔާ މިހެން ބުނެލުމުން މަންހާ ބާރު ބާރަށް ހޭންފެށިއެވެ. ޝިޔާ ވެސް ހަމަ އެ އަޑުން ހޭން ފެށިއެވެ. ނުހުރެވިގެން ރާނީ އެތަނުން ނިކުމެގެން ދިޔައީއެވެ.
"ހަމަ އެއްޗެހި ކިޔައިގެން ދެރަ ކޮށްލާފަ ބަހައްޓަންވީ... އޭރަށް އެއްޗެއް ހިތައް އަރައިގެންވެސް މިތަނުން ހިނގައިދާނެ އެއްނު" ރާނީ ނިކުމެގެން ދިއުމުން މަންހާ ބުނެލިއެވެ. އެޔާއި އެކީ އަނެއްކާވެސް ދެމީހުން ހޭން ފެށިއެވެ.
ކޮޓަރިއާއި ހިސާބަށް ރާނީ ފޯރި އިރު ހުރީ ރޮވިފައެވެ. އޭނާގެ މާޒީ އަނެއްކާވެސް އިއާދަ ވަނީއެވެ. ޝިޔާ އަކީ އޭނާގެ މާޒީއެވެ. މަންހާ ކުރާ ޖެއްސުމަކީ މީގެ ކުރިން ޝިޔާ އާއި ޝަމީމާ އޭނާ އަށް ކުރި ޖެއްސުމެވެ. އެއްވެސް ކަމެއް މިވަނީ ރަގަޅަކަށް ނޫނެވެ. ޝިޔާ މިގެއަށް އަންނަންވީ ކީއްވެގެން ހެއްޔެވެ. މަންހާ އާއި ޝިޔާ އަކީ މިހާތަނަށް ރާނީ އަށް އެންމެ ނަފްރަތު ކުރި ދެމީހުންނެވެ. އެ ދެމީހުން އެއްތަން ވެއްޖެ ނަމަ އޭނަ ރޮލާ ކާނެކަން ޔަގީނެވެ. ރާނީ އަށް ރޮވެމުން ދިޔައީ ނުވެސް ވިސްނާ ހުއްޓައެވެ. މި ވާހަކަ ޒިއަން ކައިރީ މިވަގުތު ބުނެފިނަމަ ޒިއަންގެ ޗުއްޓީ ޚަރާބު ވެދާނެއެވެ. ރާނީ ނިންމީ މި ވާހަކަ ޒިއަން އައުމުން ބުނާށެވެ.
ރާނީ ފޯނު ބަލައިލިއިރު ޒިއަން ގުޅާފައި އޮތެވެ. އެހެން ކަމުން ރާނީ ޒިއަންގެ ފޯނަށް ގުޅައިލިއެވެ. މިފަހަރުވެސް ޒިއަން ފޯނެއް ނުނެގިއެވެ. ޒިއަން ފޯނު ނުނެގުމުން ރާނީ އަށް ހައްތަހާ ބޮޑަށް ރޮވެން ފެށުނެވެ.
ރާނީ ބަލަމުން ދިޔައީ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށެވެ. މިއަދު ފިރިއެއްގެ ލޯބި ލިބުން ކަމުގައިވިޔަސް، އުމުރު ދުވަހު މި ސިފަޔަށް މީހުން މަލާމާތް ކުރާނެކަން ޔަގީނެވެ. އޭނާ އަކީ ހުތުރު މީހެއްކަން މިއަދު ޝިޔާ އާއި މަންހާ ޔަގީންކޮށްދީފިއެވެ. ޒިއަން އާއި ދިމާވިފަހުން އޭނާގެ އެ ސޫރަ މަތިން ރާނީ ހަނދާނެއްވެސް ނެތެވެ. މިއަދު މަންހާ އާއި ޝިޔާ ކީ އެއްޗިހިން އަނެއްކާވެސް އެ ހިތުގެ ކަނެއްގައި ފޮރުވިފައި ހުރި އުދާސްތައް މުޅި ހިތައް ފެތުރިއްޖެއެވެ. މިއަދު ރާނީ އަށް އިހުސާސްވަމުން އެ ދަނީ ޒިއަން އާއި ދިމާވުމުގެ ކުރިން އަބަދުމެ ކުރެވޭ އިހުސާސްތަކެވެ. އެ އިހުސާސްތައް ހިތުގެ ކަނެއްގައި ފޮރުވީ ޒިއަންގެ ފަރާތުން އިންތިހާޔަށް ލިބެމުން ދިޔަ ލޯބީގެ ސަބަބުންނެވެ. މިއަދު ކައިރީގައި ޒިއަން ނެތުމުން ކުރެވެމުން މިދަނީ ކުރީގެ އިހުސާސްތަކެވެ. މި ބުރުސޫރަ އަކީ ރާނީ އަށް ހުރި ލަދެއްކަން ރާނީ އަށް ވިސްނުނީ ކީއްވެ ކަމެއްވެސް ނޭންގެއެވެ. ރާނީ އަށް އަނެއްކާވެސް ރޮވެން ފެށުނެވެ.
****
"ޒިއަން ދެންމެ ރާނީ ގުޅި... މަ ނަގަން ވާއިރަށް ކެނޑިއްޖެ" ޒިއަންގެ ފޯނު ހިފައިގެން އައި މާޒިން ބުނެލިއެވެ. އޭރު ޒިއަން އިނީ ކުރުނބައެއް ހަދާށެވެ. ރުކުން ކުރުނބާ އެޅީ އީމާން އެވެ. އީމާން އަދިވެސް އޮތީ ރުކުގައެވެ.
"އަވަހަށް ވެއްޓިގަނެ ފޮނި ދައްކަން ހަދައިގެން" އީމާން އެއް އަތް ދޫކޮށްލައިގެން އޮތުމުން މާޒިން ގޮވައިލިއެވެ.
"ޔަގީނޭ އެތިބި ތިން މަންޖެ އަށް އެ ފޮނި ދައްކަނީ" ތަންކޮޅެއް ދުރުގައި ތިބި ތިން އަންހެން ކުދިން ދައްކައިލަމުން މާޒިން ބުނެލިއެވެ. އެޔާއި އެކީ ޒިއަން ވެސް ބަލައިލިއެވެ.
"ދޭބަލަ ޓްރައި އެއް ކޮށްލަން ހަމަ އެތާ ވެސް އިނދެދާނެ ސޯލް މޭޓު" މާޒިން އަށް ކުރުނބައެއް ދިއްކޮށްލަމުން ޒިއަން ބުނެލިއެވެ.
"ޕިސް މަ ފަހަތުން އަންހެން ކުދިން އުޅޭނީ" ފޮނިވެލާފައި މާޒިން ބުނެލިއެވެ. ޒިއަން ކައިރިޔަށް ހިނިއައެވެ.
"ކަލޭ ކައިރީ ސައިކަލު ހޯދާށޭ ބުނީމަ" ފަހަތުން އީމާން އައިސް މާޒިންގެ ބޮލުގައި ޖަހައިލިއެވެ.
"އެހެންޏާ ފަހެ މިޔޮއް ބޮޑު ލިންކް ރޯޑުގަ ދުއްވާލަން ދާން ޖެހޭނެ އެއްނު... ހޯދާ ސައިކު" ޒިއަން ވެސް މާޒިންގެ ބޮލުގައި ޖަހައިލިއެވެ. މާޒިން ދެމީހުންނަށް ލޯ އަޅައިލިއެވެ.
މެންދުރު ކައިގެން ޒިއަން ރާނީ އަށް ގުޅައިލިއެވެ. ދެ ފަހަރަކު ރިންގް ވާއިރަށް ރާނީ ފޯނު ނަގައިފިއެވެ. ނަސީބެކޭ ޒިއަންގެ ހިތައް އެރިއެވެ.
"ވަޓްސް މައި ކްއީން ޑުއިން؟" ފުރަތަމަ ވެސް ޒިއަން ބުނެލީ މިހެންނެވެ.
"ނަތިން" އެކޮޅުން އިވުނު އަޑުން ޒިއަންގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
"ކީއްތިކުރަނީ ރާނީގެ ފޯނު ހިފައިގެން" ޒިއަން ކައިރިއަށް ރުޅި އައެވެ.
"ރިލެކްސް މިތާ ސޯފާގައޭ އޮތީ... ރާނީ އެބައުޅޭ ފިރިހިނަކު ރޫމަށް ވައްދައިގެން" ވަރަށް ހަމަޖެހިލާފައި މަންހާ ބުނެލިއެވެ. އައި ރުޅިން ޒިއަން ފޯނު ކަނޑައިލިއެވެ. ރާނީ ވެސް ފޯނު ސޯފާ މަތީގައި ބާއްވަން ޖެހޭ ހެއްޔެވެ. ފޯނަށް ބަލަމުން ޒިއަން ގެއިން ނިކުތް ވަގުތު ގެއަށް ވަންނަން އައި މީހެއްގެ ގައިގައި ލައިގަތުމަށްފަހު ނުވެއްޓުނީ ކިރިޔާއެވެ. ޒިއަން ބަލައިލިއިރު ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. ޒިއަންގެ މޫނު ފެނުނީއްސުރެ އެކުއްޖާ ހުރީ ޒިއަންގެ މޫނަށް ބަލަހައްޓައިގެންނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް