ފިކުރާތު: ތަފާތު ދީނީ ޕްރޮގްރާމެއް

މި ރަމަޟާން މަހު ޓީވީ މޯލްޑިވްސް އިން ދައްކާ ޕްރޮގްރާމުތަކުގެ ތެރެއިން "ފިކުރާތު" ޕްރޮގްރާމަކީ ވަރަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދީނީ ކަންކަމާ ބެހޭގޮތުން ތަފާތު ގޮތަކަށް ގެނެސްދޭ ޕްރޮގްރާމ...

12 May 2019 | 05:43

މި ރަމަޟާން މަހު ޓީވީ މޯލްޑިވްސް އިން ދައްކާ ޕްރޮގްރާމުތަކުގެ ތެރެއިން "ފިކުރާތު" ޕްރޮގްރާމަކީ ވަރަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދީނީ ކަންކަމާ ބެހޭގޮތުން ތަފާތު ގޮތަކަށް ގެނެސްދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހާއްސަ ކުރެވިފައިވަނީ، އަޅުގަނޑުމެންގެ މުޖުތަމައުގައި ހިނގާ އާންމު ކަންކަމާއި ބެހޭގޮތުން މީހުންގެ ހިތުގައި ސުވާލު އުފެދޭ ކަންކަމަށް އަލިއަޅުވާލައިގެންނެވެ. ބައެއް ކަންކަމަކީ މީހުން ހޭލުންތެރިވެގެން ގޮސް، ކަން އޮންނަންޖެހޭ ގޮތް އޮޅިފައިވާ ކަންކަމެވެ. އަދި ބައެއް ކަންތައްތަކަކީ އެކަމެއްގެ ތެރެއަށް ދީނީ ކަންކަން ވަދެ، ކަން ކުރާނެ ގޮތެއް ނޭންގިފައިވާ ކަންކަމެވެ. މިސާލަކަށް، ބޭސްވެރިކަމާއި، ވެކްސިން ޖެހުން ފަދަ ކަންކަމަކީ ދީނީ ގޮތުން ވެސް މީހުންގެ ހިތުގައި ސުވާލު އުފެދޭ ބައެއް ކަންކަމެވެ.

އެހެން ކަމުން މި ޕްރޮގްރާމުގައި ބަލައިލާނީ، މާ ބޮޑަށް ދީނީ ކަންކަމަށް މީހުން ހޭލުންތެރިވެ، ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ޝޯ ހުކުރު ދުވަހުގެ ރޭ ގެނެސްދީފައިވާއިރު، ފުރަތަމަ ޝޯގައި އަލިއަޅުވާލައިފައި ވަނީ ބޭސްވެރިކަމާއި ގުޅޭގޮތުންނެވެ. އެގޮތުން ބޭސް ކުރަން ދީނުގައި އަންގަވާފައިވަނީ ކޮން ގޮތަކަށް ކަމާއި، ޑޮކްޓަރީ ބޭސް ކުރުމަކީ ކިހާ މުހިއްމު ކަމެއް ކަމަށް އަލިއަޅުވާލައިފައި ވެއެވެ.

އަންނަ ހުކުރު ދުވަހުގެ ޝޯ ގައި ގެނެސްދޭނީ ވެކްސިން ޖެހުން އަދި ނަފްސާނީ ބަލިތަކާއި ބެހޭގޮތުންނެވެ. ވެކްސިން ޖެހުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ދީނާއި ހިލާފް ކަމެކެވެ. މީގެ އިތުރުން ނަފްސާނީ ބައްޔާއި ދީނާއި ގުޅުވައިގެން ވެސް މުޖުތަމައުގައި ބައިވަރު ވާހަކަތައް ދެކެވެއެވެ. އެހެން ކަމުން ދެން އަންނަ ޝޯ އަކު ވާހަކަ ދައްކަން ހަމަޖެހިފައިވަނީ މިކަން އޮންނަން ޖެހޭ ގޮތާއި ބެހޭގޮތުންނެވެ.

މި ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ޕްރޮގްރާމްގެ ޕެނަލް ޑިސްކަޝަން ގައި ރާއްޖޭގެ މޮޅެތި އެކްސްޕާޓުންނާއި، ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން ޑޮކްޓަރުންނާއި ދީނީ އިލްމުވެރިން ދެކޭ ގޮތް މި ޕްރޮގްރާމުގެ ތެރެއިން އެނގިގެންދާނެއެވެ.

މި ޕްރޮގްރާމުގަ ހާއްސަ ކަމަކީ، މި ޕްރޮގްރާމް ގެނެސްދެނީ ވީޑިއޯ ކޯލް ކޮންފަރެންސެއްގެ ގޮތުގައެވެ. މި ޕްރޮގްރާމް އަންނާނީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 23:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް