ކުރިޔަށް އޮތް ރޯދަ މަހަށް މާލޭގެ މިސްކިތްތައް ފޮޅާ، ސާފު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރު އެ މަސައްކަތް ކުރާނީ ސަރުކާރުގެ ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތައް ގުޅިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ފެނަކައާއި، އެމްޓީސީސީއާއި، އެމްޑަބްލިއުއެސްސީއާއި، ސްޓެލްކޯއާއި، ހައްޖު ކޯޕަރޭޝަނާއި، އެސްޓީއޯއާއި، ވެމްކޯ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކެވެ.
މި މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު އެވެ.
އެ މިނިސްޓްރީން ބުނީ މި ހަރަކާތުގެ ދަށުން މާލޭގެ 18 މިސްކިތެއް ސާފު ކުރާނެ ކަމަށެވެ. މި ހަރަކާތުގައި އެކި މިސްކިތްތައް ސާފު ކުރަނީ ވަކި ވަކި ކުންފުނިތަކުންނެވެ. މި ހަރަކާތުގައި ވެމްކޯއިން ކުރާ މަސައްކަތަކީ ކުންފުނިތަކުން މިސްކިތްތައް ސާފު ކުރުމުން އުކާލަން ޖެހޭ ކުނި އުކާލުމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ރޯދަ މަހުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ރޭތައް އިޙުޔާ ކުރުމުގެ ޕްރޮގުރާމްތަކާއި ކުންފުނިތަކާއި ކޮލެޖުތަކަށް ހާއްސަ ގުރުއާން ކިޔެވުމުގެ މުބާރާތެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭގައި މުސްޙަފް ބެހުމުގެ އިތުރުން މިއަހަރު ރޯދަ މަހުގެ ފަހު 15 ގައި ދީނީ ސުވާލު މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް