ރާއްޖޭގައި ވެރިކަން ހިންގަމުން މިދާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ކުރައްވާ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ހަތް އިންތިހާބަށް ރައްޔިތުން ވޯޓް ދެއްވާފައިވާ ގޮތަށް ބަލާއިރު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ބަލާއިރު ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެ ކަމަށެވެ.
ބާރުގަދަ ރައީސެއްގެ ސަބަބުން ވެރިކަމުގެ މުޅި ނިޒާމް ގަނޑުބަނޑުވެގެން ގޮސްފި ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން ހަ އަހަރަށް ވެރިކަމުގެ މުއްދަތު އިތުރު ކުރަން ޖެހޭ ކަމަށެވެ.
އެ މުއްދަތުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު އެއް ދައުރަށް އިތުރުކޮށް ރަނގަޅު، ހަރުދަނާ ޝަރުއީ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ބަދަލުތައް ގެނައުމަށްޓަކައި، މި އަހަރުގެ ރިޔާސީ އިންތިހާބުން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމާ ދޭތެރޭ ވެސް އެއްވެސް ސުވާލެއް ނުއުފައްދަވާ ކަމަށެވެ.
"އަދުލު އިންސާފު ގާއިމްކޮށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ ރަނގަޅު ކުރާނަން. ބަަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަން ގޮވާލަން. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވައި ހުވާ ކުރާނީ މި ގާނޫނުއަސާސީގެ ދަށުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ކެމްޕެއިން ވައުދުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރަށްރަށުގައި އިގުތިސޯދީ ގޮތުން މާލެ އަށް ވުރެ ލުއިފަސޭހަ އިގުތިސޯދީ ކަންކަން ކުރެވޭނެ މަގު ވެސް ފަހިކޮށް ދެއްވާނެ ކަމަށެވެ. އަދި ހިލޭ ބޭސްފަރުވާ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ކައުންސިލްތަކުގެ ދަށަށް ބަދަލު ކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ މުހިންމު ނިންމުން ނިންމާނެ ރިޔާސީ އިންތިހާބު ކަމަށާއި ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށާއި އާމްދަނީ މަދުވެ، ގޭގެ ކުލި ދެއްކެނީ ކިރިޔާ ކަމަށެވެ. އަދި ބާނާ މަސްކޮޅުގެ އަގު ވެއްޓި، ޓޫރިސްޓުން އަންނަ އަދަދު މަދުވެއްޖެ ކަމަށާއި ރާއްޖޭގެ އިގްތިސާދު ބޮޑުތަނުން މަޑުޖެހިއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް