ޑިމޮކްރަސީ ގެންނަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގެ ފަހު ތަޅާލުން ގަނޑު ބަލަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމްއިން ބޭއްވި "ހެސްކިޔާފަ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާ ގާނޫނު އަސާސީ ތަސްދީގު ކުރިފަހުން ޑޮމޮކްރަސީ ރާއްޖެއަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ސިޔާސީ ލީޑަރުންތަކެއް އިންތިހާބުކޮށް، މުއައްސަސާތަކެއް އުފެއްދި ކަމަށާއި ކުރިން ގަބޫލު ކުރަމުންދިޔަ ގިނަ ކަންކަން ދޫކޮށްލައި ތަހުޒީބީ ގިނަ އުސޫލުތަކެއް ގާއިމް ކުރެވުނު ކަމަށެވެ.
މި ބަދަލުތަކުގެ ތެރެއިން ބޮޑެތި ހާދިސާތަކާއި އިންގިލާބުތަކާއި ގައްދާރުވެރިކަމާއި އުފާވެރިކަމާއި ކުރިއެރުން ފަދަ އެތަށް ކަމެއް ހިނގައިދިޔަ އިރު ކޮރޮޕްޝަނާއި ދެކޮޅަށް އަދި ޑިމޮކްރަސީ ނެތް ކަމަށް ބުނެ، ތެދުވެގެން އުޅުއްވަނީ އިދިކޮޅު ލީޑަރުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އެ ލީޑަރުން ވާހަކަތަކާއި މަސައްކަތަކުގެ ފަހު ތަޅާލުންގަނޑު އޮންނާނީ ބޭރުގެ ކަރަކަރާގައި ކަމަށެވެ.
"އެ ބޭފުޅުން ކިހިނެތްތޯ ފަހު ތެޅުންގަނޑު ތަޅާނީ، ފަހު ތެޅުންގަނޑު ތަޅަން އެބަ ޖެހޭ ރައްޔިތުންގެ ކުރި މައްޗައް އަންނަން. އެ ބޭފުޅުންގެ ތެޅުންގަނޑު އޮންނާނީ މިތަނަކު ނޫން، އެ ބޭފުޅުން ތިއްބެވި ކަރަކަރާގައި އެ ތެޅުންގަނޑު އޮންނާނީ، އަޅުގަނޑުމެން މިތިބީ އެ ތެޅުންގަނޑު ބަލައިލަން،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރުން ރާއްޖެ އިސްލާހު ކުރާ ވާހަކަދައްކަވާތީ އެކަމަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ ރިފޯމް ގެންނަވާނެ ކަމަށް ބުނާ ފަރާތްތަކުގައި އެ ގަބިލުކަން ހުރިތޯ އާއި އެ ލީޑަރުންގެ ފެންނަން ހުރި ސިފަތަކަށް ބަލައިލަން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫން އަސާސީގައި ލިޔެވިފައިވާ ނިޒާމްތައް ކޮންމެ މީހެއްގެ މައްޗައް ހިނގައި ކޮންމެ މީހަކު ވެސް ތަބާވާން ޖެހޭއިރު އިސްލާހު ގެންނަން ބުނާ ލީޑަރުން އެކަން ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުން އެކަން ގަބޫލު ކުރާނީ ކިހިނެތްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
"ޑިމޮކްރަސީގައި ހުންނަ އުސޫލުތަކާއެއްކޮށް އުޅެން ބޭނުން ނުވާ މީހުން ހައްތަހައިވެސް މިއީ، ހައްތަހާވެސް އެމީހުންގެ މައްޗައް އަންނަ ކަންކަމަށް އިސްތިސްނާ ބޭނުންވާ މީހުން ނޫންތޯ މިތިބީ، އެހެންވެ މި މީހުން ކިހިނެތްތޯ އެހެން މީހުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށްދޭނީ، އެ މީހުންނަކަށް އެކަމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތާބުގައި ވޯޓު ފޮއްޓާއި ހަމައަށް ރައްޔިތުން ދާއިރު ރާއްޖޭގައި ޑމޮކްރަސީ ކުރިއެރުވުމަށް ހިނގާދިޔަ ކަންކަމުގެ ކުރު ވާހަކައަށް ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގަމުން މިދާ ކަންކަން ރައްޔިތުން އެންމެ އުންމީދު ކުރާ ގޮތަށް ނިމިގެންދާން ބޭނުން ނަމަ އިސްލާހު ގެނައި ބަތަލެއް ހުންނާނެ ކަމަށާއި އެ ބަތަލަކީ މުޅި ރާއްޖޭގެ ނިޒާމް ފުންޑާލުމުގެ ތެރޭގައި ބައިވެރިވި މީހާ ކަމަށް ރައްޔިތުން ނިންމަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް