ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންނާއި ހަމައަށް ވެރިކަން ކުރާ ޕީޕީއެމްއިން ގެނެސްދޭ މެނިފެސްޓޯއަކީ "ސަޕްރައިޒެެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން އަލިމަސްކާނިވަލްގައި ރޭ ބޭއްވި "ހެސްކިޔާފަ" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ރޯދަ މަހާއި އީދުގެ ކުރިން އިތުރު ހަދިޔާއެއްގެ ގޮތުގައި މެނިފެސްޓޯ ހަދިޔާ ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ ހަދިޔާއެއްގެ ގޮތުގައި ދެއްވާނީ އީދުގެ ފަހުން ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހި ކަމާއި ސިއްހީ ހިދުމަތާއި އިޖުތިމާއީ ރައްކާތެރިކަމާއި ބަނދަރާއި ނަރުދަމާގެ ނިޒާމާއި މަގު ހެދުމާއި އަމާން ވެއްޓެއް ގާއިމްވުން ފަދަ ކަންކަން ކަމަށެވެ. އެކަންކަން މިދިޔަ ހަތަރު އަހަރު ތެރޭގައި ފުރިހަމަ ކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯ އާއި އަޅާ ކިޔާލެވޭ ވަރުގެ މެނިފެސްޓޯއެއް އިދިކޮޅަށް ނުނެރެވޭނެ ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރު ތެރޭ މި ސަރުކާރުން އާކަންތައްތަކެއް ރައްޔިތުންނަށް ކޮށްދީފައިވާނެ ކަމަށާއި އިތުރު އާ ކަމެއް އިދިކޮޅަށް ނުކޮށްދެވޭނެ ކަމަށެވެ.
"އަޅުގަނޑު އިދިކޮޅު ހުރިހާ ލީޑަރުންނަށް ދަންނަވާލާނީ، މެނިފެސްޓޯގައި އާ ވާހަކައެއް ލިޔުއްވާފައި ރައީސް ޔާމީނަށް ދައްކަވާށޭ. އަޅުގަނޑުމެންނަށް އަތްނުލެވޭ ކަމެއް އޮތިއްޔާ އެ ވާހަކަ ވިދާޅުވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މި ސަރުކާރު ނިމޭއިރު 15،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އޭރުން ރާއްޖޭގައި ގެދޮރު ބޭނުންވާ އިތުރު ބަޔަކު ނުތިބޭނެ ކަމަށެވެ.
"އަޅުގަނޑުގެ ޒައާމަތު ނިމިގެން، 15،000 ހައުސިން ޔުނިޓް ނިމުނީމަކާ، ދެން ގެދޮރު ބޭނުންވާ އިތުރު ބަޔަކު ދިވެހިރާއްޖޭގައި ނުތިބޭނެ. ދެން އެހެންވީމާ ކީއްކުރާ އިތުރު ގެދޮރެއްތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިން މުއްސަނދި ކުރާ ވާހަކަ އާއި އިސްތިގުލާލުގެ ވާހަކަ ވެސް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭނެ ކަމަށާއި ބޭރުގެ ސިފައިން ރާއްޖެ ގެންނަ ވާހަކަ ދެއްކެވީ ވެސް އެ ލީޑަރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް