އިޒްރޭލު ޔަހޫދީ ސިފައިން އިއްޔެ ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ މުސްލިމަކު ޝަހީދު ކޮށްލައިފި އެވެ.
ޝަހީދު ކޮށްލާފައިވަނީ، އިއްޔެގެ ހުކުރު ނަމާދަށް ފަހު ފަލަސްތީނުގެ މުސްލިމުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ބައިވެރިއެކެވެ. ފަލަސްތީނުގެ މުސްލިމުން އިހުތިޖާޖު ކުރަމުން އަންނަނީ ގުދުސްގެ ދިފާއުގައި އެވެ. ގުދުސްގައި އިޒްރޭލަށް ހާއްސަ އެމެރިކާގެ އެމްބަސީ ހުޅުވާތީ އެކަމާއި ދެކޮޅަށެވެ.
ކޮންމެ ހުކުރެއްގައި އިހުތިޖާޖު ކުރަމުން އަންނަތާ ހަތް ހަފްތާ ވެފައިވާއިރު މި އިހުތިޖާޖުތަކުގައި މިހާތަނަށް 50 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ޝަހީދުވެފައި ވެ އެވެ.
ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި އިއްޔެގެ އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން 15 މީހެއްގެ ގަޔަށް ޔަހޫދީ ސިފައިން ބަޑި ޖަހާފައި ވެ އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށާއި ހާލު ސީރިއަސް ހަތަރު މީހުންގެ ތެރޭގައި ބޮލަށް ބަޑިޖަހާފައިވާ، އުމުރުން 16 އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭ ކަމުގައިވެސް ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް