ގުދުސްގައި އިޒްރޭލު އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވާން ޓްރަމްޕް ނިންމައިފި

އަންނަ ހޯމަ ދުވަހު ފަލަސްތީނުގެ ގުދުސްގައި އިޒްރޭލުގެ އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ތާވަލު ކޮށްފައިވާއިރު އެ ރަސްމިއްޔާތުގައި ބައިވެރިނުވާން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމައިފި އެވެ. މީގެ ...

11 May 2018 | 22:35

އަންނަ ހޯމަ ދުވަހު ފަލަސްތީނުގެ ގުދުސްގައި އިޒްރޭލުގެ އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ތާވަލު ކޮށްފައިވާއިރު އެ ރަސްމިއްޔާތުގައި ބައިވެރިނުވާން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމައިފި އެވެ.

މީގެ ކުރިން ޓްރަމްޕް ބުނެފައިވަނީ އެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވާނެ ކަމަށެވެ. އެއީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޓްރަމްޕަށް ދައުވަތު އެރުވުމުންނެވެ.

ނަމަވެސް މީޑިއާތަކަށް މައުލޫމާތު ދެމުން އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޑޭވިޑް ފްރައިޑްމަން އިއްޔެ ބުނެފައިވަނީ އެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިނުވާނެ ކަމަށާއި ޓްރަމްޕްގެ ހާއްސަ ވީޑިއޯ މެސެޖެއް އެ ރަސްމިއްޔާތުގައި އަޅުވާނެ ކަމަށެވެ. ނަމަވެސް އެއީ ލައިވް ވީޑިއޯއެއް ކަމެއް ނުވަތަ ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯއެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ގުދުސްގައި އިޒްރޭލުގެ އެމްބަސީ އަންނަ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވަން ނިންމާފައިވާއިރު މި މައްސަލައިގާ ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ވަނީ އިންތިހާއަށް ގޯސްވެފައި އެވެ. ފަލަސްތީނުގެ ރައްޔިތުން އަންނަނީ ގުދުސްގެ ދިފާއުގައި އިހުތިޖާޖު ކުރަމުންނެވެ. އިޒްރޭލު ސިފައިން އަންނަނީ އެ އިހުތިޖާޖުތައް ހުއްޓުވުމަށް ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރަމުންނެވެ. މި އިހުތިޖާޖު ތަކުގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި 50 އަށްވުރެ ގިނަ، ފަލަސްތީނުގެ މުސްލިމުން ޝަހީދުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް