N/A
އެމެރިކާ އާއި އީރާނާ ދެމެދު ޕާކިސްތާނުގެ އިސްލާމާބާދުގައި 21 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ތާރީޚީ ސީދާ މަޝްވަރާތައް އެއްވެސް އެއްބަސްވުމެއް ނެތި ނިމިއްޖެއެވެ. މިއީ 1979 ގައި އީރާނުގެ އިސްލާމީ އިންޤިލާބަށް ފަހު ދެ ޤައުމުގެ ދެމެދުގައި ބޭއްވި އެންމެ މަތީ ފެންވަރުގެ ސީދާ ބައްދަލުވުމެވެ.
އެމެރިކާ ބުނީ ކީކޭ؟
އިސްލާމާބާދުގެ ސެރީނާ ހޮޓެލްގައި ބޭއްވި ކުރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޭންސް ބުނީ "އީރާނާ އެކު ބޭނުންތެރި މަޝްވަރާތަކެއް ކުރެވުނު" ކަމަށާއި، ނަމަވެސް "އެއްބަސްވުމަކާ ހަމައަށް ނާދެވުނީ" ކަމަށެވެ. ވޭންސް ބުނީ މިއީ "އެމެރިކާއަށް ވުރެ ބޮޑަށް އީރާނަށް ލިބޭ ގެއްލުމެއް" ކަމަށެވެ.
މައިގަނޑު ހުރަހާ ގުޅޭ ގޮތުން ވޭންސް ބުނީ "ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމާއި، ނިއުކްލިއާ ހަތިޔާރު އަވަހަށް ހާސިލުކުރެވޭނެ ވަސީލަތްތައް ހޯދަން ނޫޅޭނެ ކަމުގެ ސާފު ޔަގީންކަން" ބޭނުންވާ ކަމަށެވެ. އެ ޔަގީންކަން ލިބިފައިނުވާ ކަމަށް ވެސް ވޭންސް ބުންޏެވެ.
ވޭންސް ބުނީ "ރެޑް ލައިންތައް ސާފުކޮށް ހާމަކުރީ" ކަމަށާއި، ދޫ ދެވޭނެ ކަންކަމާއި ދޫ ނުދެވޭނެ ކަންކަންވެސް ބަޔާންކުރި ކަމަށެވެ. "ފައިނަލް އެންޑް ބެސްޓް އޮފާ" ހުށަހެޅީ ކަމަށާއި، އީރާނުން އެ ގަބޫލުކުރޭތޯ ބަލާނެ ކަމަށް ވެސް ވޭންސް ބުންޏެވެ. ގާތްގަނޑަކަށް ތިން މިނިޓުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވޭންސް ވަގުތުން އެއާ ފޯސް ގައި ފުރިއެވެ.
ޓްރަމްޕް ބުނީ "ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެމެރިކާ މޮޅުވީ" ކަމަށާއި، "އީރާނު އެއްކޮށް ބަލިކުރެވިއްޖެ" ކަމަށެވެ.
އީރާނު ބުނީ ކީކޭ؟
އީރާނުގެ ދައުލަތް ޓީވީ (އައި.އާރް.އައި.ބީ) އިން ޓެލެގްރާމް މެދުވެރިކޮށް ބުނީ "އީރާނުގެ ވަފުދުން 21 ގަޑިއިރު މެދުނުކެނޑި ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް މަޝްވަރާކުރި" ކަމަށާއި، "ތަފާތު ހުށަހެޅުންތައް ހުށަހެޅި ނަމަވެސް، އެމެރިކާގެ ހައްދުފަހަނައެޅި ޑިމާންޑުތަކުގެ ސަބަބުން ކުރިއެރުމެއް ނުލިބުނީ" ކަމަށެވެ.
އީރާނުގެ ވަފުދާ ގާތް ފަރާތްތަކުން ނޫސް އެޖެންސީތަކަށް ބުނީ އެމެރިކާ ވާހަކަތައް ދޫކޮށް ދާނެ ބަހަނާއެއް ހޯދީ ކަމަށާއި، "ބޯޅަ އޮތީ އެމެރިކާ ކޮޅުގައި" ކަމަށެވެ. ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާއި ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްޤީކުރުމުގެ ހައްގުގެ މައްސަލައިގައި "ސީރިއަސް ޚިލާފް"ތައް ހުރި ކަމަށް ތަސްނީމް ނިއުސް އެޖެންސީ ރިޕޯޓުކުރިއެވެ.
އީރާނުގެ ވަފުދުގެ ވެރިޔާ، ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ވާހަކަތައް ފެށުމުގެ ކުރިން ބުނެފައިވަނީ "ހެޔޮ ނިޔަތާ އެކު" ފެއްޓެވި ކަމަށާއި، ނަމަވެސް ކުރީގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް ދިން ހަމަލާތަކުގެ ސަބަބުން "އެމެރިކާއަށް އިތުބާރެއް ނުކުރެވޭ" ކަމަށެވެ.
ދެ ފަރާތުގެ ހުށަހެޅުންތައް
މި މަޝްވަރާތައް ބިނާވެފައި ވަނީ އީރާނުގެ 10 ނުކުތާގެ ހުށަހެޅުމާއި އެމެރިކާގެ 15 ނުކުތާގެ ހުށަހެޅުމުގެ މައްޗަށެވެ. އީރާނުގެ ހުށަހެޅުމުގައި ހިމެނެނީ ހަނގުރާމަ ނިންމުމުގެ ޔަގީންކަން ދިނުމާއި، ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތުމާއި، ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް ނެގުމާއި، ހަނގުރާމައިގެ ބަދަލު ދިނުމާއި، ލުބުނާނާއި ޢިރާޤު ހިމެނޭ ގޮތަށް ސަރަހައްދީ ހުރިހާ ހަނގުރާމައެއް ހުއްޓާލުމާއި، މެދުއިރުމަތީގެ އެމެރިކާ ސިފައިން ބޭލުމެވެ. އެމެރިކާގެ ހުށަހެޅުމުގައި ހިމެނެނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުމާއި، ކަނޑުއޮޅި ހުޅުވާލުމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމް ކޮންޓްރޯލްކުރުމާއި، ހަތިޔާރު އެޅި ޖަމާޢަތްތަކަށް ތާއީދު ހުއްޓާލުމެވެ.
ދެން ވާނީ ކިހިނެއް؟
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރް ދެ ފަރާތަށް ވެސް ސީޒްފަޔާ ދެމެހެއްޓުމަށް ގޮވާލައި، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ. ނަމަވެސް ދެ ހަފުތާގެ ސީޒްފަޔާ ހަމަވުމުން ދެން ވާނެ ގޮތެއް ސާފެއް ނޫނެވެ. ވޭންސް ވެސް ސީޒްފަޔާ ދެމި އޮންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް