ރިސޯޓުތައް ބަންދު ކުރުމާއި ގުޅިގެން އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ފޮނުވާލުމުން ރިސޯޓުތަކުގެ ބިދޭސީ މުވައްޒަފުން މާލެ ތެރޭގައި ގިނަވެގެން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ގަބޫލް ކުރައްވަން ދަތި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރިސޯޓުތަކުން ނޯޕޭ އަށާއި ވަޒީފާއިން ކަނޑާލާފައި ފޮނުވާލި ބިދޭސީ މުވައްޒަފުން މަސައްކަތެއް ނެތިގެން މާލެ ތެރޭގައި އުޅުން ވަނީ އިތުރުވެފައި އެވެ. އަދި ބައެއް ކަންމަތީ ފިހާރަތަކުން ވަޒީފާއެއް ނުވަތަ ސައިބޯލާނެ ރުފިޔާއެއް ދިނުމަށް އެދެމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ޝަކުވާ ލިބިއްޖެ ނަމަ އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެފަދަ ކަންކަން ދިމާވެގެން ނުވާނެކަން ދުރާލާ ރިސޯޓުތަކަށް ރަސްމީކޮށް ލިޔުމަކުން އަންގާފައިވާނެ ކަމަށެވެ. އެގޮތުން ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާާފައިވާ މި ދަނޑިވަޅުގައި ބިދޭސީން ފޮނުވޭނެ ގޮތް ޔަގީންނުވެ ފްލައިޓު އޮންނާ ގަޑި ކައިރި ނުކޮށް އެމީހުން އެއާޕޯޓަށް ފޮނުވައިފި ނަމަ ރިސޯޓުތަކަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި ބައެއް ރިސޯޓުތަކުން ދަނީ މުވައްޒަފުން ނޯޕޭގައި، ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ އުނިކުރުމަށް ފަހު މަދުވެގެން ތިން މަހަށް ފޮނުވާލަމުންނެވެ.
މިކަމާ ގުޅިގެން ސަރުކާރުން ވަނީ ގޮތް ހުސްވާ މުވައްޒަފުންނަށް އެލަވަންސްއެއް ދޭން ނިންމާފައި އެވެ. އެކަމަކު އެލަވަންސްގެ ގޮތުގައި ދޭނެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް