ރިވެތި އަދަބުތަކުގެރެއިން މަޖިލީހުގެ އަދަބުތައް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ﷲ ގެ ޛިކްރު ކުރެވޭ މަޖިލިސްތަކުގައި އިށީނުން. عَنْ جَابِرِ بْنِ زَيْدٍ ، قَالَ : بَلَغَنِي عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَي...

12 Apr 2018 | 11:27

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ﷲ ގެ ޛިކްރު ކުރެވޭ މަޖިލިސްތަކުގައި އިށީނުން.

عَنْ جَابِرِ بْنِ زَيْدٍ ، قَالَ : بَلَغَنِي عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ بَيْنَمَا هُوَ جَالِسٌ فِي الْمَسْجِدِ إِذْ أَقْبَلَ ثَلاثَةُ نَفَرٍ ، فَقَصَدَ اثْنَانِ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَذَهَبَ وَاحِدٌ فِي حَاجَتِهِ ، فَلَمَّا وَقَفَا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَلَّمَا ، فَقَصَدَ أَحَدُهُمَا إِلَى فُرْجَةٍ فِي الْحَلْقَةِ فَقَعَدَ فِيهَا ، وَجَلَسَ الآخَرُ خَلْفَ الْحَلْقَةِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَلا أُخْبِرُكُمْ بِأَمْرِ النَّفَرِ الثَّلاثَةِ " ، فَقَالُوا : بَلَى يَا رَسُولَ اللَّهِ ، قَالَ : " أَمَّا أَحَدُهُمْ فَآوَى إِلَى اللَّهِ فَآوَاهُ اللَّهُ إِلَيْهِ ، وَأَمَّا الثَّانِي فَاسْتَحْيَا مِنَ اللَّهِ فَاسْتَحْيَا اللَّهِ مِنْهُ ، وَأَمَّا الثَّالِثُ فَأَعْرَضَ اللَّهُ عَنْهُ"  ރަވާހުއް ނަސާއީ.

މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޒައިދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ޚަބަރުލިބިފައިވެއެވެ. އެއްދުވަހަކު އެކަލޭގެފާނުގެ މިސްކިތްކޮޅުގައި އިންނަވަނިކޮށް ތިންމީހުންގެ ޖަމާޢަތެއް އަޔެވެ. އޭގެތެރެއިން ދެމީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ސަލާމް ގޮވިއެވެ. އަދި އެކަކު އެޙަލަގާ އިން ހުސްތަންކޮޅެއް ހޯދައިގެން އިށީނެވެ. އަނެކަކު ޙަލަގާގެ ފަހަތުގައި އިށިނެވެ. އަނެއް މީހަކު އޭނާގެ ޙާޖަތެއް ފުއްދުމަށް ޓަކައި ދިޔައީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އޭގެތެރެއިން އެކަކު ﷲ ގެ ކަލާމްފުޅު އަޑުއެހުމަށް އިށީނީއެވެ. އެހެންކަމުން ﷲ އޭނާ އަށް ރަޙްމަތް ލެއްވިއެވެ. އަނެކަކު މީސްތަކުންނާ އެއްވުމަށް ލަދުވެތިވެ އެކަހެރިވިއެވެ. އެހެންކަމުން، ﷲ ތަޢާލާވެސް އޭނާދެކެ ލަދުވެތިވޮޑިގަތެވެ. ތިންވަނަ މީހަކު ﷲ ގެ ޛިކްރު ކުރެވޭ މަޖިލީހުގައި ނުއިށީންނާންވެން އެނބުރި ދިޔައީ އެވެ. އެހެންކަމުން ﷲ ތަޢާލާ އޭނާގެ ކިބައިން ދުރުހެލިވޮޑިގެންފިއެވެ."

ޞާލިޙް ރަގަޅު މީހުންނާއި އެކު އިށީނުން. އަބަދުވެސް ތަގްވާވެރި ޞާލިޙް ރަގަޅު މީހުންނާއި އެކުގައި އުޅުމަށް މަސައްކަތް ކުރަންވާނެއެވެ. އެމީހެއްގެ ކިބާގައި ދީންވެރިކަމެއް އަމާނާތްތެރި ކަމެއް ނެތް މީހުންނާއި އެކުގައި އުޅެގެން ނުވާނެއެވެ. ސަބަބަކީ އެކުގައި އުޅޭ މީހުންގެ ފަރާތުން ބޮޑު އަޘަރެއް މީހާ އަށް ކުރާނެތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ) ރަވާހު އަބޫދާވޫދަ ވައްތިރްމިޛީ. މާނައަކީ: "މީހާ ވާހުށީ އޭނާގެ އެންމެ އެކުއުޅޭ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. މީހެއްގެ ގޮތް ބަލަންވެއްޖެނަމަ އެމީހަކާ އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ބަލާށެވެ."

ރަގަޅު ޞާލިޙް ރަޙްމަތްތެރިންނާއި ނުރަގަޅު ނުބައި ރަޙްމަތްތެރިންގެ ތަފާތު ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنِّمَا مَثَلُ الْجَلِيسِ الصَّالِحِ وَجَلِيسِ السُّوءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ , فَحَامِلُ الْمِسْكِ إِمَّا أَنْ يَحْذِيَكَ وَإِمَّا أَنْ تَبْتَاعَ مِنْهُ وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً , وَنَافِخُ الْكِيرِ إِمَّا أَنْ يَحْرِقَ ثَيَابَكَ وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً) ރަވާހުލް ބުޚާރީ ވަމުސްލިމް.

މާނައަކީ: "ހެޔޮލަފާ ޞާލިޙް ރަޙްމަތްތެރިޔަކާއި ނުރަގަޅު ރަޙްމަތްތެރިޔެއްގެ މިޘާލަކީ ޢަޠަރު ވިއްކާ މީހަކާއި އަލިފާން ރޯކުރާ މީހެއްގެ މިޘާލެވެ. ޢަޠަރު ވިއްކާ މީހާ އަތުން ބައެއް ފަހަރަށް ޢަޠަރުކޮޅެއް ހަދިޔާ އަކަށް ލިބިދާނެއެވެ. ނޫންނަމަ ގަންނަންވެސް ލިބިދާނެއެވެ. ނޫންނަމަ އޭނާގެ ކިބައިން މީރުވަހެއް ދުވާފާނެއެވެ. އަލިފާން ރޯކުރާ މީހާގެ ފަރާތުން ފަހަރުގައި ތިބާގެ ހެދުން ރޯވެދާނެއެވެ. ނޫންނަމަ އެމީހެއްގެ ކިބައިން ދުވާނީ ނުބައިވަހެވެ."

ޞާލިޙް ތަގްވާވެރި މީހުން އެކު އުޅޭ މީހުން ކަމުގައި ހެދުމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا تُصَاحِبْ إِلَّا مُؤْمِنًا ، وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ) ރަވާހުއް ތިރްމިޛީ.  މާނައަކީ: "މުއިމިނަކު މެނުވީ އެކުއުޅޭ މީހަކު ކަމުގައި ނުހަދާށެވެ. އަދި ތަގްވާރިޔަކު މެނުވީ ތިބާ އާއި އެކު ކައިބޮއި ނުހަދާށެވެ."

ﷲ ގެ އާޔަތްތަކަށް ބަދަލުގެނެސް އެޔަށް ފުރައްސާރަ ކުރާ މީހުންނާއި އެކު ނުއިށީނުމަށް އަންގަވާ ސޫރަތުލް އަންޢާމްގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَإِذَا رَ‌أَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِ‌ضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِ‌هِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَ‌ىٰ مَعَ الْقَوْمِ الظَّالِمِينَ) މާނައަކީ: " ތިމަންރަސްކަލާނގެ آية ތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطان އާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!"

އެހެންކަމުން، އަބަދުވެސް ބަލަންވާނީ ހެޔޮވާހަކަ ދައްކާ މަޖްލިސްތަކުގައި ބައިވެރި ވެވޭތޯއެވެ. އަދި އެފަދަ މަޖްލިސްތަކުން ފައިދާ ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ.

މަޖްލިހަކަށް އައިސް ވަދެއްޖެނަމަ ސަލާމް ގޮވުން.

އިންސާނުންގެ އެކަކު އަނެކަކު ބައްދަލުވެއްޖެނަމަ ކޮންމެވެސް ޢިބާރާތަކުން ގޮވާލާ ހެދުމަކީ އިސްލާމްދީން އައުމުގެ ކުރިންވެސް އޮންނަ ޢާދައެކެވެ. އެކި މީހުން ގޮވާއުޅެނީ އެކި ގޮތްގޮތަށެވެ. އެކި ޢިބާރާތްތަކުންނެވެ. އިސްލާމްދީން އައުމާއި އެކު މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ބަދަލު ކުރާނެ ތަޙިއްޔާ އެއް ވަނީ ދަސްކޮށްދެއްވާފައެވެ. އެއީ އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމްގޮވާ ސަލާމްކޮށް ހެދުމެވެ. އަދި އެއީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ބަދަލުކުރެވޭ މުސްލިމުންގެ ޝިޢާރެކެވެ. އެހެންކަމުން، އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާ ހިނދު ސަލާމްގޮވާ ހެދުމަކީ އީމާން ކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘް ކުރައްވާ ބަޔާން ކުރައްވާފައެވެ. ބުޚާރީ، މުސްލިމް، އަޙްމަދު، އަބޫދާވޫދު، ނަސާއީ، އަދި އިބްނު ޙިއްބާން އިބްނު ޢުމަރުގެ ކިބައިން ރިވާ ކުރެއްވި ރިވާޔަތެއްގައިވެއެވެ. (أَنَّ رَجُلًا سَأَلَ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : أَيُّ الْإِسْلَامِ خَيْرٌ ؟ قَالَ : تُطْعِمُ الطَّعَامَ ، وَتُقْرِأُ السَّلَامَ عَلَى مَنْ عَرَفْتَ وَمَنْ لمَ تَعْرِفْ) މާނައަކީ: "މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރިއެވެ. "އެންމެ ހެޔޮކަން ބޮޑު އިސްލާމް ކަމަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. މީސްތަކުންނަށް ކާންދީ ހެދުމެވެ. އަދި ތިބާ ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ސަލާމް ގޮވާ ހެދުމެވެ."

މި ޙަދީޘްގެ ޝަރަޙާގައި އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މި ޙަދީޘްގެ މާނައަކީ ތިބާގެ ބޮޑާކަމާއި ކިބުރުވެރި ކަމުން އެއްވެސް މީހަކު ސަލާމް ގޮވުމުން މަޙްރޫމް ނުކުރުމެވެ. އަދި އިސްލާމީ އުޚުއްވަތްތެރި ކަމަށްޓަކައި އެންމެނާއިވެސް ސަލާމްކޮށް، މިމަތިވެރި އިސްލާމީ ޝިޢާރު ފާޅުކޮށް ހެދުމެވެ."

އެކަކު އަނެކަކަށް ސަލާމްގޮވާ ހެދުމަކީ މުސްލިމް އަޚްވަންތަކަމާއި ލޯބި ވަރުގަދަވެގެން ދާނެ ކަމެއްކަން ބަޔާންކޮށް ދެއްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. (لَا تَدْخُلُوْنَ الْجَنَّةَ حَتَّى تُؤْمِنُوْا وَلَا تُؤْمِنُوْا حَتَّى تَحَابُّوْا أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوْهُ تَحَابَبْتُمْ أَفْشُو السَّلَامَ بَيْنَكُمْ) މިއީ އިމާމް މުސްލިމް، އަޙްމަދު އަދި ތިރްމިޛީ ރިވާ ކުރެއްވި ޙަދީޘެކެވެ. މާނައަކީ: "ތިޔަބައިމީހުން އީމާންވުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި އެކަކު އަނެކަކަށް ލޯބިވުމަށް ދާންދެން އީމާން ނުވާ ހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ އެކަކު އަނެކަކު ދެކެ ލޯބިވާނެ ކަމެއް ތިމަން ކަލޭގެފާނު ދަސްކޮށްދެއްވަމު ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ބަދަލު ކުރާ ހުށިކަމެވެ."

އިސްވެ ސަލާމް ގޮވާ މީހާ އަށް މާތްﷲ ދެއްވާ ދަރުމަ އާއި ޘަވާބު އުއްމަތަށް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (عن أبي هريرة رضى الله عنه أَنَّ رَجُلاً مَرَّ عَلَى رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ فِيْ مَجْلِسٍ فَقَالَ سَلَامٌ عَلَيْكُمْ فَقَالَ عَشْرُ حَسَناَتٍ ثُمَّ مَرَّ رَجُلٌ آخَرَ قَالَ سَلَامٌ عَلَيْكُمْ وَرَحْمَةُ اللهِ فَقَالَ عِشْرُوْنَ حَسَنَةً فَمَرَّ رَجُلًا آخَرَ فَقَالَ اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهً فَقَالَ ثَلَاثُوْنَ حَسَنَةُ) މިއީ ބުޚާރީ، ނަސާއީ އަދި އިބްނު ޙައްބާން ރިވާ ކުރެއްވި ޙަދީޘެކެވެ. މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޖްލިސެއްގައި އިންނަވަނިކޮށް މީހަކު އައިސް "ސަލާމް ޢަލައިކުމް" އޭ ބުންޏެވެ. ހަދީޘް ކުރެއްވިއެވެ. "ދިހަ ހެޔޮކަމެވެ". ދެވަނަ މީހަކު އައިސް "ސަލާމް ޢަލައިކުމް ވަރަޙްމަތުﷲ" އޭ ބުންނެވެ. ޙަދީޘް ކުރެއްވިއެވެ. "ވިހި ހެޔޮކަމެވެ". ތިންވަނަ މީހަކު އައިސް "އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ" އޭ ބުންޏެވެ. ޙަދީޘް ކުރެއްވިއެވެ. "ތިރީސް ހެޔޮކަމެވެ".

މީހަކު ސަލާމް ގޮވައިފިނަމަ އެއަށް ރައްދު ދިނުމަކީ ވާޖިބު ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ : رَدُّ السَّلَامِ وَعِيَادَةُ الْمَرِيْضِ وَاتِّبَاعُ الْجَنَائِزِ ، وَإِجَابَةُ الدَّاعِيْ وَتَشْمِيْتُ الْعَاطِسِ) މިއީ ބުޚާރީ، މުސްލިމް، ނަސާއީ، އަދި އަބޫދާވޫދު ރިވާ ކުރެއްވި ޙދީޘެކެވެ. މާނައަކީ: "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްގުތައް ފަހެކެވެ. ސަލާމްގެ ޖަވާބު ދިނުމެވެ. ބަލި މީހުންނަށް ޒިޔާރަތް ކުރުމެވެ. މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމެވެ. ދަޢްވަތެއް ލިބިއްޖެނަމަ އިޖާބަ ދިނުމެވެ. އަދި ކިނބިހި އެޅުމުން "ޔަރްޙަމުކަﷲ" ބުނުމެވެ."

އެއްމުސްލިމަކު އަނެއް މުސްލިމަކު ދެކެ ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުންނަ ހުރުން ހުއްޓުވާލާ އެއްޗަކީވެސް ސަލާމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. (لَا يَحِلُّ لِمُسْلِمٍ أَنْ يَّهْجُرَ أَخَاهُ فَوْقَ ثَلَاثٍ يَلْتَقِيَانِ فَيَعْرِضُ هَذَا وَيُعْرِضُ هَذَا وَخَيْرُهُمَا الَّذِيْ يَبْدَأُ بِالسَّلَامِ  ) މާނައަކީ: "އެއްވެސް މުސްލިމަކަށް އަނެއް މުސްލިމަކު ދެކެ ރުޅި އައިސްގެން ތިންދުވަހަށްވުރެ ގިނަ ދުވަސްވަންދެން ވާހަކަ ނުދައްކާ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ދެމީހުން ބައްދަލުވެ އެކަކު އަނެކަކަށް ފުރަގަސްދީ ހެދުމެވެ. އެދެމީހުން ކުރެ އެންމެ ހެޔޮކަން ބޮޑު މީހަކީ އިސްވެ ސަލާމް ގޮވާ މީހާއެވެ."

އެހެން މީހަކު އިށީނދެގެން އިން ތަނުން ނަގާފައި ނުއިށީނުން.

ހުރިހާ އިންސާނުންނަކީވެސް އާދަމްގެ ދަރިންނެވެ. ތަގްވާވެރިކަމުން މެނުވީ އެކަކު އަނެކަކުގެ މައްޗަށް މާތްވެގެން ނުވެއެވެ. އެހެންކަމުން، ކިތަންމެ ބޮޑު ވަޒީފާ އެއް އަދާ ކުރާ މީހެއް ކަމުގައިވީނަމަވެސް އެމީހަކަށް ޖަމާޢަތަށް ދެވުނު ހިސާބުން އެތަނެއްގެ އިށީންނާނީއވެ. ފަހަރުގައިވެސް މީހަކު އިށީނދެގެން އިން ތަނުން ނަގައިގެން އިށީނދެގެން ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لا يُقِيمُ الرَّجُلَ مِنْ مَجْلِسِهِ ثُمَّ يَجْلِسُ فِيهِ) ރަވާހުލް ބައިހަގީ. މާނައަކީ: "މީހަކު އިށީނދެގެން އިން ތަނުން ނަގާފައި އެތަނުގައި ނުއިށީންނާށެވެ."

ދެމީހެއްގެ ދެމެދުގައި އިށީންނަ ނަމަ ދެފަރާތުގެ ދެމީހުންގެ ގާތުން އިޛްނަ ހޯދައިގެން އިށީނުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَا يُجْلَسْ بَيْنَ رَجُلَيْنِ إِلَّا بِإِذْنِهِمَا  ) ރަވާހު އަބޫދާވޫދް. މާނައަކީ: "ދެފަރާތުގެ ދެމީހުންގެ ކިބައިން އިޛްނަ ލިބިގެން މެނުވީ ދެމީހެއްގެ ދެމެދުގައި ނުއިށީންނާށެވެ."

މަޑުމައިތިރި ކަމާއި އެކު އިށީނދެ އިނުން. އިށީނދެގެން އިންނަ އިރު ދެފަރާތަށް ބަލާ މީސްތަކުންނަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

މީސްތަކުންނަށް އުނދަގޫވާނެ ފަދައިން މަގުތަކުގައްޔާއި ބާޒާރުތަކުގައި ނުތިބުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِيَّاكُمْ وَالْجُلُوسَ بِالطُّرُقَاتِ " , قَالُوا : يَا رَسُولَ اللَّهِ ، مَا لَنَا مِنْ مَجَالِسِنَا بُدٌّ ، نَتَحَدَّثُ فِيهَا ، قَالَ : " فَأَعْطُوا الطَّرِيقَ حَقَّهَا " , قَالُوا : وَمَا حَقُّ الطَّرِيقِ يَا رَسُولَ اللَّهِ ؟ قَالَ : " غَضُّ الْبَصَرِ ، وَكَفُّ الْأَذَى ، وَالْأَمْرُ بِالْمَعْرُوفِ ، وَالنَّهْيُ عَنِ الْمُنْكَرِ) މާނައަކީ: "ތިޔަބައިމީހުން މަގުތަކުގައި އިށީނދެ ނުތިބޭށެވެ." ޞަޙާބީން ދެންނެވިއެވެ. "އަހަރުމެން މަގުތަކުގައި އިށީނދެ ތިބެނީ ވާހަކަ ދައްކާލާ ހެދުމަށެވެ." ޙަދީޘް ކުރެއްވިއެވެ. "މަގުތަކަށް އޭގެ ޙައްގު ދޭށެވެ." ޞަޙާބީން ދެންނެވިއެވެ. "ﷲ ގެ ރަސޫލާ އެވެ. މަގުތަކުގެ ޙައްގަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ލޯތައް ތިރި ކުރުމާއި، މީސްތަކުންނަށް ގޯނާވެދާނެ ކަންތަކުން ދުރުހެލިވުމާއި، ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުމެވެ."

އެތަނެއްގައި ޝުބްހާ އުފެދިފައިވާ އެއްވެސް ތަނެއްގައި ނުހުރުން. އެގޮތުން ރާވިއްކާ ތަންތަނާއި ނުބައި ދޮގު ވާހަކަ ދެކެވޭ ތަންތަނާއި ކައިރިވެގެން ނުވާނެއެވެ. މިފަދަ ތަންތަނަކީ ޝައިޠާނީ ތަންތަނެވެ. އެފަދަ ތަނަކާ ކައިރިވެއްޖެނަމަ ބަލި ވާރުތަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އަނެކާ އަށް އިޙްތިރާމްކޮށް، އަނެކާގެ ވާހަކަ އަޑު އަހާ ރިވެތި ބަހުރުވައިން ވާހަކަ ދައްކާ ހެދުން.

ސޫރަތު ލުގްމާންގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ‌ الْأَصْوَاتِ لَصَوْتُ الْحَمِيرِ) މާނައަކީ: " އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ."

މީހުންނަށް ވިސްނޭނެ ފަދަ ގޮތަކަށް ވާހަކަ ދައްކާ ހެދުން.

އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ كَلامُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَلامُ فَصْلٍ , يَفْهَمُهُ كُلُّ مَنْ سَمِعَهُ  ) ރަވާހު ޢަބްދުއްރައްޒާގް. މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ އެބަސްފުޅު އަޑުއަހާ ކޮންމެ މީހަކަށްވެސް ވިސްނޭފަދަ ފަސޭހަ ގޮތަކަށެވެ."

ތިމާ އަށް ނޭނގޭ ކަންތަކުގެ ވާހަކަ ނުދެއްކުން.

ސޫރަތުލް އިސްރާގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ‌ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا) މާނައަކީ: " އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ."

ތިމާ އަށް އަޑުއިވޭހާ ވާހަކަ އެއް ތެދު ދޮގު ބަލައިނުލާ ވާހަކަ ނުދެއްކުން.

ސޫރަތުލް ޙުޖުރާތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (كَفَى بِالْمَرْءِ كَذِبًا ، أَنْ يُحَدِّثَ بِكُلِّ مَا سَمِعَ) ރަވާހު މުސްލިމް. މާނައަކީ: "އެމީހަކަށް އަޑުއިވޭހާ ވާހަކަ އެއް ދެއްކުމަކީ ދޮގުހެދުމަށް މަގުދައްކައިދޭ ކަމެކެވެ."

ތިން މީހުން ތިބޭ ތަނެއްގައި އެކަކަށް ނޭނގޭ ގޮތަށް ސިއްރުން ނުވަތަ އެނޫންވެސް ގޮތަކަށް ދެމީހަކު ވާހަކަ ދެއްކުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރައްވާފައިވާ ކަމެކެވެ. ޙަދީޘް ކުރައްވައެވެ. (إِذَا كُنْتُمْ ثَلاثَةً فَلا يَتَنَاجَى اثْنَانِ دُونَ وَاحِدٍ ، فَإِنَّ ذَلِكَ يُحْزِنُهُ) ރަވާހު އިބްނު އަބީ ޝައިބާ.  މާނައަކީ: "ތިންމީހުން ތިބޭ ހިނދުގައި ދެމީހަކު އަނެއް މީހާ އަށް ނޭނގޭ ގޮތަށް ވާހަކަ ނުދައްކާށެވެ. ހަމަކަށަވަރުން އެކަމުގެ ސަބަބުން އަނެކާ އަށް ހިތާމަ ލިބިދެއެވެ."

ފަހުން މަޖިލީހުގައި ބައިވެރިވާން އަންނަ މީހުންނަށް ތަންދިނުން.

ސޫރަތުލް މުޖާދަލާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّـهُ لَكُمْ  ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مجلس ތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ."  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (خَيْرُ الْمَجَالِسِ أَوْسَعُهَا) ރަވާހު އަބޫދާވޫދް. މާނައަކީ: "އެންމެ ހެޔޮ މަޖްލިސަކީ އެންމެ ތަނަވަސްވެގެންވާ މަޖިލިހެވެ."

މީސްތަކުންނަށް އިޙްތިރާމް ކުރުމުގެ ގޮތުންނޭ ކިޔާފައި ކޮޅަށް ނުތެދުވުން.

    އަޅުގަނޑުމެންގެ ތެރޭގައި ހިފާފައިވާ އާދައެކެވެ. ޖަލްސާއެއްގައިނަމަ ޝަރަފްވެރި މެހުމާނު އައުމުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. މުދައްރިސް ކުލާހަށް ވަނުމުން ދަރިވަރުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. ނުތެދުވެއްޖެނަމަ އަދަބުވެސް ދެވެއެވެ. ތަރުބިއްޔަތުގެ ނަމުގައެވެ. ކޮންމެއަކަސް އަހަރުމެންނީ މުސްލިމުން ކަމުގައި ވީތީ އަހަރުމެން ކުރާ ކޮންމެ ކަމެއްގައިވެސް ދީނުގައި އޭގެ ޙުކުމް އައިސްފައިވަނީ ކިހިނެތްތޯ ބަލަން ޖެހޭނެއެވެ. އެއީ ހުއްދަ ކަމެއްތޯ ޙަރާމް ކަމެއްތޯ ބަލަން ޖެހޭނެއެވެ. ކިޔުންތެރިންނޭވެ. ދަރިވަރުންނޭވެ. މުދައްރިސުންނޭވެ. ކިޔަމުންދާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

(مَنْ سَرَّهُ أَنْ يَتَمَثَّلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ) ރަވާހުލް ބުޚާރީ.

މާނައީ: " އެމީހަކަށްޓަކައި އެހެންމީހުން ކޮޅަށް ތެދުވުމަށް ހިތް އެދޭ މީހާ، ފަހެ ނަރަކައިން އެމީހެއްގެ ޖާގަ ހޯދައިފިއެވެ."

(ރިވާކުރެއްވީ: އިމާމް އަޙުމަދު، އަބޫ ދާވޫދު އަދި ތިރުމިޛީ މުޢާވިޔަތު رضي الله عنه ގެ އަރިހުން ޞަޙީޙް އިސްނާދަކާ އެކުއެވެ.)

އަދިވެސް އިމާމް އަޙުމަދާއި ތިރްމިޛީ ޞަޙީޙް އިސްނާދަކާއެކު އަނަސް ރަޟިޔަﷲ ޢަންހްގެ ކިބައިން ރިވާ ކުރައްވައެވެ.

(مَا كَانَ شَخْصٌ أَحَبَّ إِلَيْهِمْ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَكَانُوا إِذَا رَأَوْهُ لا يَقُومُونَ لَهُ لِكَرَاهِيَتِهِ لِذَلِكَ) ރަވާހުލް ބައްޒާރު.

މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވުރެ ޞަޙާބީންގެ އަރިހުގައި ލޮބުވެތިކަން ބޮޑު އެކަކުވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެބޭކަލުންގެ އަރިހަށް ވަޑައިގަތުމުން އެބޭކަލުން ކޮޅަށް ތެދުވެވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އެއީ އެކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ނުރުއްސަވާ ކަމެއްކަން އެބޭކަލުންނަށް އެނގިވަޑައިގެންފައި ވާތީއެވެ."

ނަމަވެސް މައިންބަފައިން ކުރެ މީހަކު އަތުވެއްޖެނަމަ، ނުވަތަ އުސްތާޛަކު އަތުވެއްޖެނަމަ، ނުވަތަ މީހަކާ ސަލާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވުމަކީ އެންމެ ރަގަޅު ކަމެކެވެ. މިއީ އިސްލާމްދީން މަނާ ކުރާ ކަންތަކެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ މަގާމާއި ދަރަޖަ ދިނުމަށް އިސްލާމްދީން އަންގަވައެވެ. އަންޞާރުންގެ ސައްޔިދު ކަމުގައިވާ ސަޢްދު ބިން މުޢާޛަށް އިޙްތިރާމް ކުރުމުގެ ގޮތުން ތެދުވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވާ ޙަދީޘް ކުރެއްވިއެވެ. (قُومُوا إِلَى سَيِّدِكُمْ) ރަވާހުލް ބުޚާރީ.  މާނައަކީ: "ތިޔަބައިމީހުންގެ ސައްޔިދު މީހާ އަށް ޓަކައި ތެދުވާށެވެ."

މަޖިލީހުގައި ހުންނަ ވަގުތު ކިނބިއްސެއް އައިނަމަވެސް، ނުވަތަ ކެއްސާފައި ކުޅެއް ޖަހަން ޖެހުނު ނަމަވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އެކަން ކުރުން.

عَنْ أَبِي هُرَيْرَةَ : أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ " إِذَا عَطَسَ غَضَّ ، أَوْ خَفَضَ بِهَا صَوْتَهُ ، وَوَضَعَ يَدَهُ أَوْ ثَوْبَهُ عَلَى فِيهِ) ރަވާހު އަބޫދާވޫދް. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިނބިހި އަޅުއްވާނަމަ އަތްޕުޅު ނުވަތަ ހެދުންކޮޅު އަނގަމަތީ އަޅުއްވާ މޫނު ނިވާ ކުރައްވައެވެ. އޭގެ ސަބަބުން ކިނބިމީހީގެ އަޑު މަޑުވެގެން ދެއެވެ."

މުސްލިމަކު ކިނބިއްސެއް އަޅައިފިނަމަ "އަލްޙަމްދުލިއްލާހި" ކިޔަންވާނެއެވެ. އަޑުއިވޭ މީހާ "ޔަރްޙަމުކަﷲ" އޭ ބުނަންވާނެއެވެ. އަދި ޖަވާބުގައި "ޔަހްދީކުމުﷲ ވަޔުޞްލިޙު ބާލަކުމް" އޭ ބުނަންވާނެއެވެ.

މަޖިލިސް ނިންމާފައި ދަމުން އެހެން މީހުންގެ ފަރާތުން އިޛްނަ ހޯދާ ސަލާމްކޮށް ހެދުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا انْتَهَى أَحَدُكُمْ إِلَى الْمَجْلِسِ فَلْيُسَلِّمْ ، فَإِنْ بَدَا لَهُ أَنْ يَجْلِسَ فَلْيَجْلِسْ ، ثُمَّ إِنْ قَامَ وَالْقَوْمُ جُلُوسٌ فَلْيُسَلِّمْ) ރަވާހު އަޙްމަދު. މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކު މަޖްލިހަށް އަތުވެއްޖެނަމަ ސަލާމް ގޮވާ ހުށި ކަމެވެ. އަދި އިށީންނަން ފެނިއްޖެނަމަ އިށީންނާށެވެ. މަޖިލިސް ދޫކޮށް ދާނަމަވެސް ސަލާމް ގޮވާފައިދާށެވެ."

މަޖިލީހުގައި ﷲ ގެ ޛިކްރު ކޮށް ހެދުން.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (مَا مِنْ قَوْمٍ يَقُومُونَ مِنْ مَجْلِسٍ لَا يَذْكُرُونَ اللَّهَ فِيهِ إِلَّا قَامُوا عَنْ مِثْلِ جِيفَةِ حِمَارٍ وَكَانَ لَهُمْ حَسْرَةً  ) ރަވާހު އަބޫދާވޫދް. މާނައަކީ: "ﷲ ގެ ޛިކްރު ނުކުރެވޭ މަޖްލިހަކުން ތެދުވެއްޖެނަމަ އެތެދުވެވުނީ މަރުވެފައިވާ ޙިމާރެއްގެ މަތިން ކަހަލަ އެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ބޮޑު ހިތާމަވެރި ކަމެއްވެއެވެ."

މަޖިލިސް ނިންމާލަމުން ކައްފާރުލް މަޖްލިސް ކިޔުން.

މަޖްލިސްގެ ކައްފާރާ އަކީ (سُبْحَانَكَ  اَللَّهُمَّ وَبِحَمْدِكَ, لَا إِلَهَ إِلَّا أَنْتَ اَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ) މާނައަކީ: "އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އިބަ އިލާހުމެނުވީ ޙައްގުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާގެ ފާފަ ފުއްސަވާ މިއަޅާގެ ތައުބާ ގަބޫލު ކުރައްވާފާންދޭވެ."

މަޖްލިހުގައި ސިއްރުވާހަކަ އެއް ދެކެވިފައިވާނަމަ އެކަން ހިފަހައްޓަންވާނެއެވެ. ސިއްރު ހިފެހެއްޓުމަކީ އަމާނާތްތެރި ކަމުގެ ތެރެއިންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا حَدَّثَ الرَّجُلُ الرَّجُلَ بِالْحَدِيثِ ، ثُمَّ الْتَفَتَ فَهِيَ أَمَانَةٌ) ރަވާހު އަބުދާވޫދް. މާނައަކީ: "މީހަކު ވާހަކަ އެއް ދައްކާފައި އެނބުރި ގޮސްފިނަމަ އެދެއްކި ވާހަކަ އަކީ އަމާނާތެކެވެ."

ޢިޝާ ނަމާދު ފަހުން ބޭނުމެއް ނެތް ގޮތުގައި ހޭލާ ނުހުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރްޝާދު ދެއްވާފައިވަނީ ޢިޝާ ނަމާދު ކުރުމަށްފަހު ކޮންމެހެން ކުރަންޖެހޭ އިތުރު މަސައްކަތެއް ނެތްނަމަ އަވަހަށް ނިދުމަށެވެ. ފަތިސް ނަމާދަށް ހޭލެއްވުމަށް ބާރުއެޅުއްވުމުގެ ގޮތުންނާއި، އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އަރާމާއި ނިދި ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ. އެކަލޭގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ ، وَلَا يُحِبُّ الْحَدِيثَ بَعْدَهَا) ރަވާހު އަބުދާވޫދް. މާނައަކީ: "ޢިޝާ ނަމާދު ކުރިން ނިދުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުރުހުންތެރި ވޮޑިގަތެވެ. އަދި ޢިޝާފަހުން ވާހަކަ ދައްކަން މަޑު ކުރެއްވުމަށް ލޯބި ނުކުރައްވައެވެ."والله أعلم.

މިއީ ޑރ އިޔާޟް އަބުދުއްލަތީފް ރިވެތިއަދަބުތަކާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް