މިދިޔަ އަހަރުވެސް ބީއެމްއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

މިދިޔަ 2017 ވަނަ އަހަރުވެސް ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއަށް 1.038 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލްއިން އާންމުކޮށްފައިވާ ބަޔާ...

12 Apr 2018 | 07:43

މިދިޔަ 2017 ވަނަ އަހަރުވެސް ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއަށް 1.038 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓެކުހާ އެކު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ހަތަރު ޕަސެންޓް އިތުރު މިންވަރެކެވެ. މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 1.3 ބިލިއަން ރުފިޔާ އަކީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ދެ ޕަސެންޓު އިތުރު އަދެދެކެވެ.

މި ފައިދާ އާއި އެކު ބޭންކުން ނިންމާފައިވަނީ ހިއްސާދާރުންނަށް 118 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާށެވެ. އެއީ ހިއްސާއަކަށް 22 ރުފިޔާގެ މަގުންނެވެ. އަދި މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 10 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ބޭންކުގެ އާމްދަނީ މިދިޔަ އަހަރު އިތުރުވެފައިވަނީ ދޫކުރެވުނު ލޯނާއި ކުރެވުނު ވިޔަފާރީގެ މިންވަރު އިތުރުވެފައިވާތީ އެގެ. އެގޮތުން މިދިޔަ އަހަރު އަލަށް ދޫކުރި ލޯނުގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ބޭންކަށް ފައިސާ ޑީޕޮސިޓް ކުރާ މިންވަރު ވަނީ 15 ޕަސެންޓު އިތުރުވެފައި އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ޖައްސަޖައްސައިގެން ގިނަ އަހަރުތަކެއް ވަންދެން ބީއެމްއެލްއިން ރަނގަޅު ފައިދާއެއް ހޯދަމުން ދިޔުމަކީ ބޭންކްގެ ކަސްޓަމަރުންނާއި އާންމު ރައްޔިތުން ބޭންކާ މެދު ކުރާ އިތުބާރު ބޮޑު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ބޭންކްގެ ފައިދާ ރަނގަޅު ގޮތުގައި އިންވެސްޓް ކުރުމަށް އާ ހިތްވަރެއް ލިބިފައިވާކަން ވެސް އެންޑްރޫ ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްއިން ބުނީ މިހާރު އެ ބޭންކުން ތައްޔާރުވަމުން ދަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިން ލައިސަންސް އަށް އެދި ހުށަހެޅުމަަށް ކަމަށެވެ.  އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް