ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފި އެވެ.
އެ ޔުނިވާސިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރާއްޖޭގައި ފުރަތަމަ ފަށާ އެމްބީބީއެސް ޕްރޮގްރާމުން 50 ދަރިވަރުންނަށް ޖާގަ ހުޅުވާލާފައިވާ ކަމަށެވެ. ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
މިކޯހަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތަކީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މި ކޯހުގެ މުއްދަތަކީ ފަސް އަހަު ދުވަހެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޭލެވަލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީގެ އިތުރުން ހިސާބު ނުވަތަ ފިޒިކްސްއިން ފާސްވެފައިވުން ހިމެނެއެވެ. އަދި އެ ތިން މާއްދާގެ ތެރެއިން އެއް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އޯ ލެވެލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ހިސާބުން ފާސްވެފައިވުން ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އޯ ލެވެލް އިމްތިހާނުގައި އިނގިރޭސިން އެންމެ ދަށް ވެގެން "ސީ" ފާސް ނުވަތަ އައިއެލްޓީއެސްއިން 6.5 ހާސިލްކޮށްފައިވުންވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކޯހަށް ދައްކަން ޖެހޭ ފީ އާއި އެނޫން މައުލޫމާތުތައް އަންނަ ހަފްތާ ތެރޭގައި ހާމަ ކުރާނެ ކަމަށް އެމްއެންޔޫއިން ބުނެ އެވެ. މި ކޯސް އަންނަ ޖުލައި މަހު ފެށުމަށް އެމްއެންޔޫއިން ދަނީ ތައްޔާރުވަމުންނެވެ.
އެމްއެންޔޫގެ މެޑިކަލް ކޮލެޖު ހުޅުވެންދެން އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އަލަށް އިމާރާތް ކުރަމުންދާ އައިޖީއެމްޗްގެ 25 ބުރީގެ އިމާރާތް ހުޅުވުމުން އެތަނުގެ ބައެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް