ދެ ފަނޑިޔާރުންގެ ޝަރީއަތް ސިއްރު ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތްތަކުގެ ތެރެއިން މިއަދަށް ތާވަލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފި އެވެ. މިއަދު ކުރިޔަ...

12 Apr 2018 | 05:30

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތްތަކުގެ ތެރެއިން މިއަދަށް ތާވަލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފި އެވެ.

މިއަދު ކުރިޔަށް ގެންދަނީ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތެވެ. އަޑުއެހުން ސިއްރުކޮށްފައިވާ ކަން އެނގުނީ ޝަރީއަތުގެ އަޑު އެހުމަށް ވަންނަ މީހުން ނަންނޯޓު ކުރަން ދިއުމުންނެވެ.

މި ދައުވާގެ އިތުރުން ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ. މި  ދައުވާތަކާއި ގުޅިގެން ކޯޓުން ވަނީ ދެ ފަނޑިޔާރުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދެ ފަނޑިޔާރުން ހައްޔަރު ކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖެއެސްސީން ވަނީ ދެ ފަނޑިޔާރުން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑު ކޮށްފައި އެވެ.

ފުލުހުން އެ ފަނޑިޔާރުން ހައްޔަރު ކުރުމަށް ފަހު ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަތް މުދާތަކަކަށް ފައިސާ ދައްކަން ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް