ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށްޓަކައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސ...

12 Mar 2019 | 10:58

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށްޓަކައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2019 އިން، ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެކަމަށް ޚާއްޞަކޮށްފައިވާ ކުންފުންޏެއް ގާއިމުކުރުމަކީ މުހިއްމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.

އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނީ މި ކުންފުނީގެ ދަށުން ކަމުުގައި ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް