ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ށ.ފުނަދޫގެ ބަނދަރުގައި ޖެއްސުމާއި އެކު އެންމެ ފުރަތަމަ ފާލަން މައްޗަށް ފުންމައިލީ ޒިއަންއެވެ. އެޔާއި އެކު ޒިއަންގެ ދެއެކުވެރިން އީމާން އަދި މާޒިން ވެސް ފުންމައިލިއެވެ.
"ވައު އީމް މިރަށް ހާދަ ރީއްޗޭ!" ރަށުތެރެއަށް ހިނގައިގަންނަމުން ޒިއަން ބުނެލިއެވެ.
"އެބުނާހެން މިހާ ސަޅި ރަށެއް ދޫކޮށްފަ އާއިލާ އެކީ މާލެ ބަދަލުވާކަށްވެސް ނުވާނެ އެއްނު.. އެހާ ގަސް ގިނަ އިރު އެންމެ ފަތެއްވެސް ނެތް ބިންމަތީގަ..." ޒިއަންއާއި އެއްބައިވެލަމުން މާޒިންވެސް ބުނެލިއެވެ. ތިން އެކުވެރިން ހިނގާފައި ދިޔައީ އަތިރިމައްޗާއި މާދުރުނޫން ހިސާބެއްގައި ހުރި ފަޅުވެފައިވާ އީމާންގެ ގެއަށެވެ.
އީމާންގެ ކާފަ، މީގެ އަށް އަހަރު ކުރިން ނިޔާވުމުން އާއިލާ އެކީ ބަދަލުވީ މާލެއަށެވެ. އެހާ ހިސާބުން ގެ ވެސް ފަޅުވީއެވެ. ޗުއްޓީއެއްގައި އައިސްވެސް ތިބެނީ އީމާންގެ މަންމަ ހަލީމާގެ، ދައްތަ ކައިރީގައެވެ. މިއީ ގެ ދޫކޮށްފައި މާލެ ދިޔަފަހުން މިގެޔަށް އީމާން ވަތް ފުރަތަމަ ފަހަރެވެ.
"އާދެވެއްޖެ ދޯ؟ ދައްތަ ގޭތެރެ ސާފުކޮށްލީ މި... ތި ކުދިން އެކަނި އުޅެން ބޭނުންވީމަ ދައްތަ ހިތައްއެރީ އަންނަން ވާއިރަށް ގޭތެރެ ފޮޅާނީއޭ!" އީމާންމެން ފެނުމުން ބޮޑުދައިތަ ހަމީދާ ބުނެލިއެވެ. މިހެން ބުނުމަށްފަހު ކޮޓަރި ދެއްކުމަށްފަހު، އިތުރު އެއްޗެއް ބޭނުންވެއްޖެ ނަމަ ގުޅުމަށް ބުނެފައި ހަމީދާ ނިކުމެގެން ދިޔައެވެ.
"މި ހާދަ ކުރީގެ ގެޔެކޭ ދޯ؟" ގެޔަށް ބަލައިލަމުން ޒިއަން ބުނެލިއެވެ.
"އާނ ތަޅާލާފަ ބޮޑު ގަނޑުވަރެއް ހެދޭނެ މިތާންގަ.... ހިތައް އަރަނީ މިހާ ބޮޑެތި ބިންތައް ދޫކޮށްފަ މީހުން ގުޅަޔަކަށް އޮންނަން ވިޔަސް މާލެ ދަނީ ކީއްވެ ބާއޭ.." އެނދު މައްޗަށް ވެއްޓިގަންނަމުން މާޒިން ބުނެލިއެވެ.
"ތިހެން ކިޔާއިރު ތިމާ މީހާވެސް ގުޅަޔަކަށް އޮންނަނީ ގޭތެރޭގަ... ގައިމު ރަށުގަ ގެވެސް ހުރޭ.." އީމާން މާޒިންއާއި ޖައްސައިލުމުގެ ގޮތުން ބުނެލިއެވެ.
"އަހަރެންނާ ދޭތެރޭ ކުރެވޭނެ ޝަކުވާއެއް ނޯންނާނެ..." ފޮނިވެލައިފައި ޒިއަން ބުނެލިއެވެ. ޒިއަން އެހެން ބުނެލުމުން ދެންތިބި ދެމީހުން ބޯޖަހައިލިއެވެ.
"އާނ ދެން މާލޭގެ މުއްސަނދި މީހުންނާއި ދޭތެރޭ ކުރެވޭނެ ޝަކުވާއެއް ނޯންނާނެ ދޯ؟" އީމާން ބުނެލިއެވެ. މިކަހަލަ ވާހަކަ ތަކެއްގައި ތިއްބައި ރޭގަނޑުވެ މުޅި ރަށް އަނދިރިވިއެވެ.
ތިން އެކުވެރިން ފެންވަރައިގެން ބޭރަށް ނިކުމެވުން އިރު ރޭގަނޑު 8 ޖަހައިފިއެވެ. ގެއިން ބޭރަށް ނެގި ފުރަތަމަ ފިޔަވަޅާއި އެކު، ތިން މީހުން ރަށުގެ މާހައުލު ފެނިފައި އަނގަފުޅާވެފައި ބަލަން ތިބީއެވެ.
"މާތްކަލާކޯ އަނދިރި ކިއްލާއެއްތަ މީ؟ ބޮތްކެއްގެ އަލިވެސް ނެތީތަ؟ އީމް ސްޓްރީޓް ލައިޓް ނުހުރޭތަ؟ ފުރޭތައެއް އަރައިފާނެ އެއްނު؟ މަ މިދަނީ ގެޔަށް...." މާޒިން އަކީ އަބަދުވެސް އަނދިރި ވުމުން ބިރުގަންނަ މީހެކެވެ. މާޒިން ދެއްކި ވާހައިން ޒިއަންއާއި އީމާން ބިނދި ބިނދިފައި ހެމުން ދިޔައެވެ.
"ސާބަސް މިތާ މަަގަށް ނިކުތީމަ އަލިވާނެ..." ހެމުން ހެމުން އީމާން ބުނެލިއެވެ. އެޔާއިއެކު ކުރިމަތީ ހުރި ގެއިން އަލިވެގެން ދިޔައެވެ. ކުރިމަތީ ހުރީ ތިރި، މާ އުސްނޫން ފާރެކެވެ. އެއީ މީހުން އުޅޭ ގެއެއްގެ ބަގީޗާތެރެއެވެ.
"އެގޭގަ ޖިންނި އުޅެނީތަ؟ އަހަރެން ހަމަ އެވާހަކަ ދައްކާއިރަށް ބޮކި ދިއްލީ؟"ބިރުން ހުރެ މާޒިން ބުނެލިއެވެ.
"މީ ތަނަކަށް ގެންނަ ވަރު މީހެއް ނޫން.... ނުދަންޏާ ހުރޭ! އަހަރެމެން މިދަނީ..." މާޒިން އެތާންގައި ބެހެއްޓުމަށްފަހު ޒިއަންއާއި އީމާން ހިނގައިގަތެވެ. ވަގުތުން ދުވެލާފައި ގޮސް މާޒިން އެމީހުންނާއި އެއްވަރު ކުރިއެވެ.
ބޮޑުދައިތަމެން ގެއިން ކައިގެން ތިން އެކުވެރިން ގޭދޮށުގައި ހުރި ޖޯތްޔެއްގައި އިށީނެވެ.
"ހިނގާ އެފާރު ކައިރިޔަށް ދާން؟ އެތަން މާ އަލި ހެން ހީވޭ..." މާޒިން ބިރުން އުޅެން ފެށުމުން ޖޯލި ހިފައިގެން ތިން މީހުން ދިޔައީ ކުރިމަތީ ހުރި ފާރު ކައިރިއަށެވެ.
"އީމް ހިނގާ އެއްޗެއް ކިޔާލާން؟ ދޭބަލަ ގިޓާ ހިފައިގެން އަންނާން..." ފޯނާ ކުޅެން އޮވެފައި ޒިއަން ބުނެލިއެވެ.
މި ތިން އެކުވެރިންނަނީ ހަމައެކަނި ކޮލެޖުގައި އެއް ކުލާހެއްގައި ކިޔަވާ އެކުވެރިންނެއް ނޫނެވެ. މިއީ މިއުޒިކުގެ ދުނިޔޭގައިވެސް އެކީ ކުރިޔަށްދާ އެކުވެރިންތަކެކެވެ. ލަވަ ކިޔުމަކީ "ހޮބީ" އެއްގެ ގޮތުގައި އަބަދުވެސް ކުރާ ކަމެކެވެ. ޒިއަންގެ ގޭގައި ހަމަ އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއެއް ހުރެއެވެ. ތަފާތު ވައްތަރުގެ "މިއުޒިކް އިންސްޓްރަމެންޓް" ތަކުން މުޅި ކޮޓަރި އޮންނަނީ ފުރާލައިފައެވެ. ގިޓާއާއި ނުލައި ޒިއަން އަކަށް މާލެއިން ބޭރަކަށް ނުދެވޭނެއެވެ. ޗުއްޓީގައި އެކުވެރިންނާއި އެކު މަޖާކޮށްލަން އައި މިދަތުރުގައިވެސް ޒިއަންއައީ ގިޓާ ހިފައިގެންނެވެ.
އީމާން ގިޓާ ގެނެސްދިނުމުން ޒިއަން ކުޅެން ފެށިއެވެ.
"ފެނިފާ ފަރި ހިނިތުންވުން ހިތު ވިންދާ ކުޅެލިއޭ...
އިވިފާ މަޑު މޮޅި ބަސްތަކުން ނަލައޭ ޖާޒުބީ..
ހުރިތާ ހުރެވުނޭ މަގުތައްމަތީ ގޮސް އޮބާލިތަން ބަލަން...
ހުރި އިރު ހީވިއޭ ފަސްއެނބުރި ދެން ހީލާ ބަލާނެހެން..." ޒިއަންގެ ޖާދުވީ ފިރިހިންވަންތަ އަޑުން ކިޔައިލިއެވެ. އެއީ ހިތްގައިމު، އަޅައިގަންނަ ގޮތެއް ހުންނަ އަޑެކެވެ.
"ބެލި ގޮތަކުން ހީވިއޭ އިހުސާސް ހިނގުނުހެން...." ދެން އޮތްބައި ކުރިޔަށް ގެންދަން ޒިއަން އަނގަ ހުޅުވި ވަގުުތު ހަރަކާތް ހުއްޓުނީ ދާދިކައިރިން އިވުން މިއުޒިކީ އަންހެން އަޑުންނެވެ. ޒިއަންގެ އިތުރުން މާޒިންއާއި އީމާންވެސް ފަރާތް ފަރާތް ބަލަމުން ދިޔައެވެ.
"ކާކު؟" މާޒިން ގޮވައިލިއެވެ. ނަމަވެސް އެއްވެސް އަޑެއް ނީވުނެވެެ.
"މަ ބުނީމެއްނު... އެއީ ޖިންނިއެއް ކަންނޭންގެ!!!" އީމާންގެ ގައިގައި ބައްދައިލަމުން މާޒިން ބުނެލިއެވެ.
"ރިލެކްސް... ހީވަނީ މިގޭތެރެއިންހެން އަޑު އައީ..." ޒިއަން ފަހަތް ބަލައިލަމުން ބުނެލިއެވެ. އަދި އަނެއްކާވެސް ގިޓާ ކުޅެލިއެވެ.
"ހިތު ވިންދާ ކުޅެލިއޭ ފުރަތަމަވެސް ބެލި ބެލުން..
ހިތް އެދެވިއްޖެއޭ.. ކެތް މަދުވިޔޭ.. ދެކިލަންވެސް އަލުން..
ނިދިވެސް ގެއްލުނޭ ހައިރާންވިއޭ ފެނުނީމާ ހުވަފެނުން..." ހަމަ އެއާއި އެކު އަނެއްކާވެސް އެ ޖާދުވީ އަޑުގެ ވެރިޔާ ލަވަ ކުރިޔަށް ގެންދިޔައެވެ. ޒިއަންއަށް އެ ހިތްގައިމު އަޑު އިވުމުން ހަށިގަނޑު ތެރޭގައި ނޭންގެ އިހުސާސެއް ހޭލިހެން ހީވިއެވެ. އެހެންކަމުން ލަވަ ކުރިޔަށް ގެންދިޔައެވެ.
"ފަރިފައި މަޑު ދެއަތުން ބީހިލަންވެސް އެދެމޭ!!" ޒިއަން ކިޔައިލިއެވެ.
"ފިނިފިނި ރޭތައް އުނގުގާ އޮވެވޭނޭ ނަމައޭ..." އެޔާއި ވިދިގެން އަންހެން އަޑު އިވުނެވެ.
"ފަތްމިންޏެއްހާ ރީއްޗޭ... ފުރިހަމަހާ ސާދަވީ..." ޒިއަން ޖޯޝާއެކީ ކިޔައިލިއެވެ.
"ފެނި ކައިރިން ދިޔަޔަސް ހަމަ ހިތް ފުރި އަރަޔޭ...." ހަމަ އެރާގުގައި އަންހެން އަޑު އިވިގެން ދިޔައެވެ.
"ޖެހިލާ ފިނި ރޯޅި އައިސް ތިފަރާތައް ބޯރަވޭ..
ރަކިވެ ފޮޅިލާ ރީތި މާތައް ފަނޑުކަން ގެނުވީމާ ބަހާރަށް...
ހިނދު ފަސް ދެވުނޭ ބަސް ހުއްޓިފާ ތިބާ ފެނިލުމުން...
ވިންދާ ކުޅެލިއޭ ހަމަ ކީއްވެހޭ.. މިވާ ގޮތް މަށަށް...." ޒިއަން ކިޔައިލިއެވެ. ނަމަވެސް އެކޮޅުން އެއްވެސް ޖަވާބެއް ނައެވެ. ޒިއަން އޭރުވެސް އެ ޖާދުވީ ފަށުވި އަޑު އިވޭތޯ ގިޓާ ކުޅެމުން ދިޔައެވެ. އިރުކޮޅެއް ވުމުން ޒިއަން އަނެއްކާވެސް ލަވަ ކުރިޔަށް ގެންދިޔައެވެ. ނަމަވެސް އެއަޑު އެކީ ކެނޑިގެން ހިނގައްޖެއެވެ.
އީމާންއާއި މާޒިން ލަސްވެގެން ނިދަން ދިއުމުންވެސް އެއަޑު އަހާލާހިތުން ޒިއަން ހަމަ އެތާންގައި ލަވަ ކިޔަން އިނެވެ. ނަމަވެސް އޭގެ ފަހުގައި އެއަޑެއް ނީވުނެވެ. އެންމެ ފަހުން އެ އަޑުގެ ވެރިޔާގެ ހަބަރެއް ނުވުމުން ޒިއަން ނިދަން ގެޔަށް ވަނެވެ.
"ކޮބާ ހަބަރެއް ވިތަ؟" މާޔޫސީ ކާމާއި އެކު ޒިއަން ކޮޓަރިޔަށް ވަތްތަން ފެނިފައި އީމާން އަހައިލިއެވެ.
"ހަބަރެއް ނުވާނެ... އެއީ ފުރޭތައެއް މަށަށް ޔަގީން... އެހެން ލަވަ ކިޔަނީ ހަމަ ހަންޑި ކުދިން... ކުރީގަ މާމަމެން ކިޔާދޭ ވާހަކަ ތަކުގަވެސް ވަލަށް ދަރު ހޮވަންދާ މީހުންނާ، ކާށި ހޮވަން ދާ މީހުން ރައިވަރު އެއްޗެހި ކިޔާއިރުން ހަންޑި ކުދިން ރައްދު ދީފަ ރައިވަރު ކިޔައޯ.. އެކަމަކު އޭއްޗިހި ނުފެންނާނެ... އަޑު އިވޭނީ... އެހެން އެވީ..." ދާހިތްލާ ފޯވެފައި އޮތް މާޒިން ކިޔައިދިނެވެ. މާޒިން މޮޔަ ވާހަކަ ދައްކަން ފެށުމުން އީމާންގެ އަތުގައި އަޮތް ބާލިސް މާޒިންއާއި ދިމާއަށް އެއްލިއެވެ.
"އެއީ ހާދަ ޗާލު އަޑެކޭ... އަދިވެސް ހީވަނީ އެކުއްޖާ ކައިރީ ހުރެގެން ލަވަ ކިޔާހެން...." ބާލީހުގައި ބައްދައިލަމުން ޒިއަން ބުނެލިއެެވެ. ޒިއަންއަށް ވަމުން ދިޔަ ގޮތް ފެނިފައި ދެން ތިބި ދެމީހުން ހޭން ފެށިއެވެ.
"ހިނގާބަލަ އެކުއްޖަކު ހޯދަން އެގެޔަށް ދާން މާދަން..." އީމާންގެ މޫނަށް ބަލައިލަމުން ޒިއަން ބުނެލިއެެވެ.
"މަގޭ ރަށް ވިޔަސް މީހުންގެ ގެދޮރަށް ވަންނާކަށް ނުކެރޭނެ..." އީމާން އިންކާރު ކުރިއެވެ.
"އެހެން ވިއްޔާ އެއީ ކާކު ކަން އިނގޭތަ؟ އެގޭ މީހެއްވެސް ނޭންގޭތަ؟" ޒިއަން ކެތްމަދުވެފައިވާ ރާގަކަށް އަހައިލިއެެވެ.
"ނޭންގެއޭ..." އީމާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ބިޓު ކުޅި ކުޅޭން ހިތުވެސް ނުލާތި... އަހަރެމެން އައީ މަޖާކުރަން... އަންހެން ކުދިން ފަހަތުން ދުވަން ހަދައިގެން އޮންނާނީ މަޖާވެސް ނުކުރެވިފަ...." ޒިއަންގެ ބޮލުގައި ޖަހައިލަމުން އީމާން ބުނެލިއެވެ. އޭރު މާޒިންއަށް އޮތީ ނިދިފައެވެ. އެހެން ކަމުން އެކަމާ އިތުރަށް ބަހުސް ނުކޮށް ދެމީހުންވެސް ނިދަން ލޯމަރައިލިއެވެ.
"ޒިއަން..." ނިދިފައި އޮތް ޒިއަންއަށް ކުއްލިޔަކަށް ހޭލެވުނީ ކަންފަތް ބުޑުގައި މީހަކު ގޮވައިލިހެން ހީވުމުންނެވެ.
"ކާކު؟" ޒިއަން ދެކޮޅު ބަލައިލިއެވެ. އަނެއްކާވެސް ޖާދުވީ އަންހެން އަޑަކުން ޒިއަންއަށް ގޮވައިލިއެވެ. އަޑު އަންނަ ދިމާއަށް ޒިއަން ހިނގައިގަތެވެ. ހިނގަމުން ހިނގަމުން ބޭރަށް ނިކުމެވުނެވެ.
"ޒިއަން އާދޭ ލަވައެއް ކިޔާން..." ޒިއަން ސިހުނީ ގޭ ކުރިމަތިން ހުރި ފާރު ކައިރީ ހުރި ޖޯލީގައި އިން އަންހެން ކުއްޖާ ފެނުމުންނެވެ. ފަން ދިގު އިސްތަށިގަނޑު ހާވައިލައިގެން އިން އިރު ހީވަނީ މަތިން ފައިބައިގެން އައިސް އިން ހޫރުޕަރީއެއް ހެންނެވެ. ހަމުގެ ކުލަ އަލިވެފައި އެހާމެ ފުރިހަމައެވެ. ފެންނަމުންދިޔަ ލޮލުން ނޫރެއް ވިދަމުން ދިޔައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އަޖައިބެއްފަދަ ޗާލު ހިނިތުންވުމެއް ދުވެލަ ދެވެލާ ހުއްޓެވެ. އެންމެ ހިތްގައިމީ ހީލައިގެން އިން އިރު ކޮލަށް އެޅިފައިވާ އަޑިކޮޅެވެ. ފާހަގަވި އެއް ކަމަކީ، މޫނުގެ އެއް ފަޅި އެ ރީތި އިސްތަށިގަނޑުން ފޮރުވިފައި އޮތް ކަމެވެ. މިހާ ބުރުސޫރަ ރީތި ކުއްޖެއް ޒިއަންގެ ހަޔާތުގައި ދުވަހަކުވެސް ނުދެކެއެވެ.
"ތީހޭ މިހިތުގެ ރާޖާ..." އަންހެން ކުއްޖާގެ ޖާދުވީ އަޑުން ކިޔައިލިއެވެ. އޭރުވެސް ޒިއަން ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ.
"ޒިއަން ނުކިޔާނަންތަ؟" އެކުއްޖާ ޖޯލިން ތެދުވަމުން އަހައިލިއެވެ.
"ތީހޭ މިހިތުގެ... ރާނީ؟؟" ޒިއަން އަށް ބުނެލެވުނެވެ. އެ ޖުމްލަ ބުނެވުނީ މަޑުންނެވެ. ލަވައިގެ އެއްވެސް ރާގެއް ނެތެވެ.
"ޒިއަން... ޒިއަން..." ސިއްސައިގެން ގޮސް ޒިއަން ކޮޅަށް ޖެހުނެވެ.
"ކޯންޗެއް ތި ކިޔަނީ؟ ނިދީގަ ވާހަކަ ދައްކަންތަ ކައެ؟" ހެމުން ހެމުން މާޒިން ބުނެލިއެވެ. ޒިއަން މުޅި ތަނަށް ނަޒަރު ހިންގައިލިއެވެ. އޭރު އިރު އަރައިގެން މުޅި ކޮޓަރި ވަނީ އަލިވެފައެވެ.
"އޭ މީނަ ބުރާންޗާ... ކޮންހާ ވާހަކައެއްހޭ ނިދީގަ ތި ދައްކަނީ؟" ޒިއަންގެ ބޮލުގައި ޖަހައިލަމުން އީމާން އަހައިލިއެވެ.
"ކީކޭ މަކީ ނިދީގަ؟" ބޯ ކަހައިލަމުން ޒިއަން އަހައިލިއެވެ.
"ނޭންގެ ކީ އެއްޗެއް... ކޮންމެސް އެއްޗެކޭ ކީ..." ފާހާނާއަށް ވަންނަމުން މާޒިން ބުނެލިއެވެ.
"އެކުއްޖާ ހާދަ ރީއްޗޭ... އެއީ ދުވަހަކުވެސް ނުދެކޭ ވަރުގެ ކުއްޖެއް..." ބާލީހެއްގައި ބައްދައިލަމުން ޒިއަން ބުނެލިއެވެ.
"ކޮން ކުއްޖެއް؟ މޮޔަވަނީތަ؟" އީމާން ސުވާލުން ފުރުނެވެ. އެހާ ހިސާބުން ޒިއަންގެ ހުވަފެނުގެ ވާހަަކަ އީމާންއަށް ކިޔައިދިނެވެ.
"ހުވަފެނަކީ އިބިލީސް ދައްކާ ދަޅައެއް... އެއީ ބިލާހެއް... މޮޔަ ނުވޭ!!" އީމާން ބުނެލިއެވެ.
ފެންވަރައިގެން ތިން އެކުވެރިން ބޭރަށް ނިކުތީ ހެނދުނުގެ ނާޝްތާއަށް އީމާންގެ ބޮޑުދައިތަގެ ގެޔަށް ދިއުމަށެވެ. ސައި ބޮއިގެން ގެޔަށް އައީ ގޭ ކުރިމަތިން ހުންނަ ގޭގެ ދޮރުމަތިންނެވެ.
"މީ އެ ގެ..." އެގެޔަށް އިޝާރާތް ކޮށްލަމުން އީމާން ބުނެލިއެވެ. ޒިއަން ވަގުތުން އެގެޔަށް ވަންނަން ދިމާކޮށްލިއެވެ. ނަމަވެސް ކުރިޔަށް ދެވޭގޮތް ނުވީ ފަހަތުން ޒިއަން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި އީމާން ހިފެހެއްޓުމަށްފަހު ފަހަތައް ދަމައިލީމައެވެ.
"އައްދޯތް ކަރަށް ތަދުވެޔޭ އެބަ..." ގިރުވާނުން އީމާންގެ އަތް ނައްޓުވައިލަމުން ޒިއަން ބުނެލިއެވެ.
"މީ ފަޅު ގެއެއް ދޯ؟ ބަލަ މީހަކުވެސް ނުފެނޭ..." ގޭތެރެޔަށް ނަޒަރު ހިންގައިލަމުން މާޒިން ބުނެލިއެވެ.
"ނޫން ތި ގޭގަ މީހުން އުޅޭނެ" ތިން މީހުން ސިހުނީ ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. އޭރު ތުއި ގޮތަކަށް ބަލަހައްޓައިގެން ކޮންމެވެސް އަންހެން ކުއްޖަކު ހުއްޓެވެ.
"އީމާން؟" އީމާން ފެނުމުން އެ ކުއްޖާ ފުންމައިލިއެވެ. ހީވީ މަޝްހޫރު މީހަކު ފެނިގެން އުޅުންހެންނެވެ. އެކުއްޖާ ފުމެ ފުމެފައި އުޅުންއިރު އީމާން ހުރީ އެއީ ކާކުކަން ނޭންގިފައެވެ.
"ތި.. ތި ކާކު ކަމެއް ނޭންގުން..." އީމާން ބުނެލިއެވެ.
"މީ ޝިޔާ އެއްނު.. ހަނދާން ވޭތަ އަހަރެމެން ކުޑައިރު ކިޔަވާން ދަނީ އެއްގެޔަކަށްނު؟" ޝިޔާ ބުނެލިއެވެ. ނަމަވެސް އީމާން އެއްގޮތަކަށްވެސް ހަނދާނެއް ނުވިއެވެ.
"ކޮންއިރަކު ރަށަށް އައީ؟" ޝިޔާ އަަހައިލިއެވެ.
"މި މިގޭގަ އުޅެނީ ކޮން ބައެއް؟" ނުހުރެވިގެން ޒިއަން އަވަސް އަވަހަށް އަހައިލިއެވެ.
"މިގޭގަ އުޅޭނީ މިގޭ މީހުންނެއްނު..." ޝިޔާ ކޮނޑު އަރުވައިލަމުން ބުނެލިއެެވެ.
"މިގޭ ބަގީޗާ ބަލައިލަން ވަދެލިޔަސް އެންމެ ރަގަޅުތަ؟" ޒިއަން ރުންކުރު ގޮތަކަށް އަހައިލިއެވެ. އެވަގުތު އީމާން އޭނަގެ ފައިގައި ވިކައިލިއެވެ. ޒިއަން ބަލައިލުމަށްފަހު އެއްލޯ މަރައިލިއެވެ.
"އަނޭ ލަަވަ ކިޔަން އިނގޭތަ؟" ގޭތެރެޔަށް ވަންނަމުން މާޒިން އަހައިލިއެވެ. ހައިރާންވެފައި ޝިޔާ ބަލައިލިއެވެ.
"ކޮންމެ މީހަކަށްވެސް ލަވަ ކިޔަން އިނގޭނު..." ޝިޔާ ތުއި ވެލާފައި ބުނެލިއެވެ.
"އަޅެ ކިޔާބަލަ..." ޒިއަން ބުނެލިއެވެ. އީމާން ހުރީ މި މީހުން އުޅޭ ގޮތުން ލަދުގަނެފައެވެ.
"ކޮން ލަވައެއް ކިޔަންވީ؟" ބަގީޗާ ކައިރީ މަޑުކޮށްލަމުން ޝިޔާ ބުނެލިއެވެ.
"ކޮންމެވެސް ލަވައެއް...." ޒިއަން ބުނެލިއެވެ. ހަމަ އެޔާއި އެކު ޝިޔާ އޭނާގެ ތުއި އަޑުން ލަވައެއް ކިޔަން ފެށިއެވެ. އެވަގުތު މާޒިން ލާނެތް ގޮތަކަށް ހީލުމަށްފަހު އަނގަމަތީ އަތް އެޅިއެވެ. ދެވަނަ ސިކުންތުގައި ހުނުން ހުއްޓާލާފައި ޒިއަންގެ އަތުގައި ހިފައިލިއެވެ.
"މަށަށް ޔަގީން އެއީ ޖިންނިއެއްކަން.." ވައި އަޑުން ޒިއަންގެ ކަންފަތް ބުޑުގައި މާޒިން ބުނެލިއެވެ. ޒިއަން މާޒިންގެ އަތް ފޮޅުވައިލިއެވެ.
"ކާކު ހަޅޭތްލަވަނީ؟" ގޭތެރެއިން ދެބައި އުމުރުގެ އަންހެނެއް ނިކުންނަމުން ބުނެލިއެވެ.
"މަންމާ އަހަރެން ލަވައެއް ކިޔަނީ... މި މީހުން ބުނީމަ..." ޒިއަން މެންނަށް އިޝާރާތް ކޮށްލަމުން ޝިޔާ ބުނެލިއެވެ. އޭރު ޝަމީމާ އައިސް އެމީހުންނާއި ހަމަ ކުރަނީއެވެ.
"އީމާންތަ ތީ؟" އީމާންގެ ކުރިމައްޗައް އަރަމުން ޝަމީމާ ބުނެލިއެވެ. އީމާން ބޯ ޖަހައިލިއެވެ.
ޝަމީމާގެ ވާހަކައިގައި ފޫހިކަންމަތީ ތިން މީހުން ތިއްބެވެ. ޝިޔާވެސް ކައިރީގައި އަޑުއަހަން ހުއްޓެވެ. ފޫހިވެގެން ޒިއަންއާއި މާޒިން އާފުރެމުން ދިޔައެވެ. އެމީހުން މިހެން ތިއްބައި ސިހުނީ ކައިރިން ލަވައެއް ކިޔާހެން ހީވުމުންނެވެ. ތިން މީހުން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ. އޭރު ބަގީޗާ ތެރޭގައި އަންހެން ކުއްޖަކު ކުނިކަހަން އޮތެވެ. ފުރަގަސްދީގެން ލަވަ ކިޔަމުން ދިޔައިރު ދިގު ފަން އިސްތަށިގަނޑު ބިންމަތީގައި ކޭއްތެމުން ދިޔައެވެ.
"އެއީ ހަމަ އެއަޑު.." ޒިއަންއަށް މަޑުމަޑުން ބުނެލެވުނެވެ.
"ރާނީ! ތި ރޭޑިއޯ ބަންދުކުރޭ... ހެނދުނު ހެނދުނާ ލަވަ ކިޔަންފަށާނެ!" ޝިޔާ ހަޅޭތްލަވައިގަތެވެ.
"ރާނީ؟" ޒިއަން އަށް ބުނެލެވުނެވެ. އެވަގުތު ކުނިކަހަން އޮވެފައި ރާނީ ތެދުވުމަށްފަހު އެދިމާއަށް ބަލައިލިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް