އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަން ގެއްލޭގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
މި ދެ ބިލުގެ ތެރެއިން އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
މި ދެ ބިލުގެ ބަހުސް މަރުހަލާ މިއަދު ހެނދުނު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައިވާއިރު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަތްވަނަ ޖަލްސާ މިއަދު ނިންމާލާފައިވަނީ މިއަދު ބަލައިގަތް ދެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވިއްޖެކަން އިއުލާނު ކުރުމަށްފަހުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް