ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ސިއްރު މަޝްވަރާތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. ޑރ ޝައިނީ ވިދާޅުވީ ރައީސް ނަޝީދާއި މަޝްވަރާތަކެއް ކުރެވުނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އާއި ގުޅޭގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ސިއްރު ބައްދަލުވުމެއްގެ ވާހަކަ މީޑިއާގައި ހާމަ ކުރަން ޖެހުނީ އިދިކޮޅު ފަރާތްތަކުން ބައެއްކަންކަން ހާމަ ކުރަމުންދާތީ ކަމަށެވެ. އެކަމަކު މި މަޝްވަރާތަކުގެ މައުލޫމާތު ބައިނަލް އަގުވާމީ ފަރާތްތަކަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
މަޝްވަރާތަކުގެ ލިޔެކިޔުންތައްވެސް ހުރިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ބަންދުކޮށްފައިވާ ފަނޑިޔާރުން ބެއިލް އެއްގެ ދަށުން ނަމަވެސް މިނިވަން ކުރުން ހިމެނޭ ކަމަށެވެ.
އިތުރު ތަފްސީލްތައް ހާމަ ނުކުރެއްވި ނަމަވެސް މިނިސްޓަރު ޝައިނީ ވިދާޅުވީ ރައީސް ނަޝީދާއި އެކު ކުރެވުނު މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދުގައި ބައެއް ކަންކަމާއި މެދު އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. އަދި ޕާޓީތަކުގެ މަޝްވަރާ ފެށުމަށް ވެސް ނިންމުނު ކަމަށެވެ.
"ޑޮކިއުމެންޓްތަކެއް ބަދަލު ކުރެވުނު. އޭގެތެރޭގައި ހުރި ކޮންޑިޝަންތަކެއް ވާހަކަދައްކައިގެން ބަދަލު ކުރެވި އެޖެންޑާއަކާއި ހައަމަށް ވެސް އަޅުގަނޑުމެންނަށް އާދެވުނު. ހުރިހާ ބޭފުޅުން ބައިވެރިވާކަން ޔަގީންކޮށްދޭން އަޅުގަނޑުމެން އެދުނިން. ދެން އަޅުގަނޑުމެންނަށް ލިބުނު މެސެޖަކީ ހުރިހާ ބޭފުޅުންގެ ބައިވެރިވުން އެބައޮތް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ރައީސް ނަޝީދާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އިދިކޮޅު ފަރާތްތަކުގެ ރުހުމާއި ހުއްދަ އާއި އެކު ކުރެވުނު މަޝްވަރާތަކެއް ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް