ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ކުޑަ ކުޑަ ދަރިފުޅު ތައިމޫރު އަލީ ހާން އަށް އެންމެ ފުރަތަމަ ސައިފް ކިޔަން ބޭނުންވި ނަމަކީ ފާއިޒު ކަމަށް ކަރީނާ ބުނެފި އެވެ.
މުމްބާއީގައި މިހާރު ކުރިއަށްދާ އިންޑިއާ ކޮންކްލޭވް 2018 ގައި އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ކަރީނާ ބުނީ ވިހެއުމުގެ އެއް ދުވަސް ކުރިން ސައިފް އޭނާ ގާތު ތައިމޫރަށް ފާއިޒުގެ ނަން ކިޔުމަށް އެދުނު ކަމަށެވެ. އަދި ފާއިޒްގެ މާނަ އަކީ ވަރަށް ރީތި މާނައެއް ކަމަށްވެސް ބުނި ކަމަށެވެ.
އެކަމަކު ސައިފްއަށް ވަގުތުން ނޫނެކޭ ބުނެ ފިރިހެން ކުއްޖެއް ލިބިއްޖިއްޔާ ކިޔާނީ ތައިމޫރު ކަމަށް ބުނިން ކަމަށެވެ. އަދި ތައިމޫރުގެ މާނަ އަކީ ދަގަނޑު ކަމަށް ވާތީ އޭނާގެ ދަރިފުޅަކީ ހިތްވަރުގަދަ ކަންކަމާ ކުރިމަތިލާން ކެރޭ މީހަކަށް ވާނެ ކަމަށް ސައިފް ކައިރީ ބުނި ކަމަށް ކަރީނާ ބުންޏެވެ.
ހަމަ އެ ހަފްލާގެ ހަވާސާގައި އިންޑިއާގެ ނޫސްވެރިޔެއް ކަމަށްވާ ރަޖްދީޕް ސަރްދެސާއީއާ ވެސް ތައިމޫރްގެ ނަމާ ބެހޭ ގޮތުން ކަރީނާ ވަނީ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. ކަރީނާ ބުނީ ތައިމޫރު ލިބިގެން ނަން ކިޔުމުން މީހުންގެ ފަރާތުން ލިބުނު ފާޑު ކިޔުންތަކާއި ހެދި ފަހުންވެސް ތައިމޫރުގެ ނަން ފާއިޒުއަށް ބަދަލު ކުރަން ސައިފު އެދުނު ކަމަށެވެ.
އެކަމަކު ބައެއްގެ ޕްރެޝަރާ ހެދި ދަރިފުޅުގެ ނަން ބަދަލު ކުރަން ކަރީނާ އެއްގޮތަކަށް ވެސް ބޭނުން ނުވީ ކަމަށެވެ.
ސައިފް އާއި ކަރީނާއަށް ތައިމޫރު ލިބުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް