އިންޑިއާގެ މާޝްހޫރު ކޮމީޑީއަން ކަޕިލް ޝަރްމާގެ އާ ޝޯއެއް ސޮނީ ޓީވީން ފަށަން ނިންމައިފި އެވެ.
އެ ޝޯގެ އިޝްތިހާރު މިހާރު ދައްކަން ފަށާފައި ވާއިރު ޝޯގެ ނަމަކީ "ފެމިލީ ޓައިމް ވިތް ކަޕިލް ޝަރްމާ" އެވެ. މިފަހަރުގެ ޝޯގެ ފުރަތަމަ ގެސްޓަކީ ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން އެވެ.
މީގެ ކުރިން ސޮނީން ދެއްކި ކަޕިލްގެ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" އަށް އަޖޭ ގެންދިއުމަށް ފަހު ކަޕިލް ނައިސްގެން ޝޫޓް ނުކުރެވިގެން އަޖޭ ވަނީ އެނބުރި ދާން ޖެހިފަ އެވެ. އެކަމާ އޭނާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުގައި މިފަހަރުގެ ޝޯއަށް އަޖޭ ދާން އެއްބަސްވީ އެވާހަކަތައް ކަޕިލްއާއި ދިމާއަށް ގޮވުމަށް ފަހު އެވެ.
އަޖޭގެ އިތުރުން ކަޕިލްގެ ކުރީގެ ޝޯގައި ބައިވެރިވާން ދައުވަތު ދިން މަޝްހޫރު ތަރިން ކަމަށްވާ ޝާރުކް ހާން އާއި އަނިލް ކަޕޫރު، އަރްޖުން ކަޕޫރު ފަދަ ތަރިންނަށް ވަނީ ކަޕިލް ޝޫޓިން އަށް ނައިސްގެން ދާން ޖެހިފައި އެވެ. އެ ޝޯ ހުއްޓާލީ ކަޕިލް އާއި އެކު މަސައްކަތް ކުރި ތަރިންނާއި މައްސަލަ ޖެހި އޭގެ ތެރެއިން ގިނަ ތަރިން ޝޯއިން ވަކިވުމުންނެވެ.
އޭގެ އަސަރު ކަޕިލްއަށް ކޮށް އޭނާ ވަރަށް ބޮޑަށް ބަލިވެފައިވެ އެވެ. "ދަ ކަޕިލް ޝަރްމާ ޝޯ" ހުއްޓާލަން ޖެހުމުން އޭނާ ބުނެފައިވަނީ ވަރަށް އަވަހަށް އާ ޝޯ އަކާއި އެކު އެނބުރި އަންނާނެ ކަމަށެވެ.
ކަޕިލްގެ އާ ޝޯ "ފެމިލީ ޓައިމް ވިތް ކަޕިލް ޝަރްމާ" ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް