ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގަ ދިވެހި ސަރުކާރާ ދެކޮޅަށް ބަޔާނެއް ދެއްވި މައްސަލައިގަ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ޑރ. މުއިޒު އާއި ގުޅޭ މައްސަލައެއް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިހާރު އެ މައްސަލައިގަ ދައުލަތުގެ އިދަރާތަކުން ހޯދަން ޖެހޭ ލިޔުންތައް ހޯދާ ނިމިފައިވާ ކަމަށެވެ. މިހާރު ކުރެވެމުންދަނީ އެ ލިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ މިނިސްޓަރު މުއިޒުއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅި ނޫމަޑި މައްސަލައިގަ އާބިޓްރޭޝަންގައި ސަރުކާރު ދިފާއު ބަލިކަށިވާން ޖެހުނީ ނޫމަޑިއަށް ފައިދާވާގޮތަށް މުއިޒު ބަޔާނެއް ދެއްވިކަމަށް ބުނެ އެވެ. އެ މައްސަލައިގަ ސަރުކާރުން ވަނީ ނޫމަޑިއާ ވާހަކަދައްކައިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ.
މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ވީ އެއްބަސްވުމާ އެއްގޮތަށް 55 މިލިޔަން ޑޮލަރު (849 މިލިޔަން ރުފިޔާ) ދީ އެ ކުންފުންޏަށް ދީ ހަލާސްކޮށްފައިވާކަމަށެވެ. އަމީރު ވިދާޅުވީ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިޔަން ޑޮލަރު ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. ދެވަނަ ޕޭމަންޓް ދައްކަން އޮތީ މި މަހުގެ 29 ގެ ކުރިން ކަމަށާއި އެހެންވެ، އެ ފައިސާ ވެސް މިހާރު ދީފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ވެސް ހޯދާށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައިގެން 55 މިލިޔަން ޑޮލަރު ދީގެން މައްސަލަ ނިންމަން އެއްބަސްވީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީންނެވެ.
ނޫމަޑިން އާބިޓްރޭޝަނަށް ދިޔައީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި، ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާއި އެކު ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ނޫމަޑި އަށް ލަގުޒަރީ ވިލާ އަޅާށާއި ރިސޯޓް ހަދަން ދެ ރަށެއްވެސް ދިނެވެ.
މި މައްސަލައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މައުލޫމާތުދިން ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރަންވެސް ޑރ މުއިޒާ ދެކޮޅަށް ފުލުަހަށް މައްސަލަ ހުށަހަޅާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް