ވިސާއާ ނުލައި ދިވެހިންނަށް އުމްރާއަށް ދެވޭގޮތަށް ހަމަޖައްސައިފި

ވިސާ ނުލާ ދިވެހިންނަށް އުމްރާ ވުމަށާއި ޓޫރިސްޓުންގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީގައި ނޫސްވެރިންނަށް މަައުލޫމާތު...

12 Feb 2020 | 09:13

ވިސާ ނުލާ ދިވެހިންނަށް އުމްރާ ވުމަށާއި ޓޫރިސްޓުންގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގައި ނޫސްވެރިންނަށް މަައުލޫމާތު ދެއްވަމުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ހަމަޖެއްސީ އެ ދެބޭނުމުގައި ދާ މީހުންނަށް ކަމަށެވެ. އެކަމަކު ހައްޖުގެ އަޅުކަން، ވިޔަފާރީގެ ބޭނުންތައް އަދި މަސައްކަތްތެރިންނަށް ސައުދީއަށް ދިޔުމަށް ކުރިއެކޭވެސް އެއްގޮތަށް ވިސާ ނަގަންޖެހޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ސައުދީ ސަރުކާޜުން ދިން މި ލުއިތަކާ އެއްގޮތަށް އަމަލު ކުރަން ފެށުމުން އޮންލައިންކޮށް ވިސާއަށް ހުށަހެޅުމުގެ ފުރުސަތާއި ސައުދީއަށް ދަތުރުކުރުމަށްފަހު އިމިގްރޭޝަނުން އޮން އެރައިވަލް ވިސާ ލިބޭގޮތަށް ހަމަޖެހިގެންދާނެ އެވެ. އެގޮތުން، ސައުދީގެ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނަށް ވިސާއަށް ހެދި ހުށަހެޅޭނެ އިންތިޒާމްތައް އެ ގައުމުގެ ސަރުކާރުން ހަމަޖައްސަމުންދާ ކަމަށާއި، އެކަން ވަރަށް އަވަހަށް ސައުދީ ސަރުކާރުން އިއުލާނުކުރާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

އުމްރާވެރިންނާއި ފަތުރުވެރިންނަށް އެއް މަސް ދުވަހުގެ ސިންގަލް އެންޓްރީ ވިސާއެއް ލިބޭއިރު، އެއް އަހަރުގެ ދުވަހުގެ ތެރޭގައި ޖުމްލަ 90 ދުވަހުގެ މުއްދަތަށް ސައުދީއަށް ދަތުރުކުރެވޭނޭ މަލްޓިޕަލް އެންޓްރީ ވިސާއެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިސިޓް ވިސާގެ ގޮތުގައި ދައްކަންޖެހޭ 440 ސައުދީ ރިޔާލް (107 އެމެރިކާ ޑޮލަރު) ކްރެޑިޓު ނޫނީ ޑެބިޓް ކާޑު މެދުވެރިކޮށް ދެއްކޭނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން، އީ-ވިސާ ނުވަތަ އޮން އެރައިވަލްގައި ވިސާ ފީ ދައްކަންޖެހޭނީވެސް ކްރެޑިޓު ނޫނީ ޑެބިޓް ކާޑު މެދުވެރިކޮށެވެ.

ޝާހިދު ވިދާޅުވީ މިގޮތަށް ހަމަޖެހިގެން ދިއުމުން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ސައުދީއަށް ދަތުރު ކުރުމަށް އޮން އެރައިވަލް ވިސާ ލިބޭ ހަމައެކަނި ގައުމަކީ ރާއްއަށް ވެގެންދާނެ އެވެ. މިކަމުން ރަމްޒު ކޮށްދެނީ ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާމެދު އޮންނަ ގާތްގުޅުމުގެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް