ގާސިމް މަރާލިކަމަށް ކޯޓުގައި އަދުހަމް އެއްބަސްވުމުން ދެން އޮތީ ހުކުމް އިއްވުން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އަދުހަމް މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތުގެ މަޖިލީހުގެ ފުރަތަމަ އަޑު އެހުމުގައި އެއްބަސްވެއްޖެ އެވެ. އަދުހަމް މިއަދު އަޑުއެހުމުގައި ވަނީ އޭނ...

12 Feb 2020 | 08:49

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އަދުހަމް މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތުގެ މަޖިލީހުގެ ފުރަތަމަ އަޑު އެހުމުގައި އެއްބަސްވެއްޖެ އެވެ.

އަދުހަމް މިއަދު އަޑުއެހުމުގައި ވަނީ އޭނާ ގާސިމް މަރާލީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ބުނެފަ އެވެ. އަދި ފަހުން ހަމަ ހޭވެރިކަން އައިސް، ނަމާދުކޮށް އެކަމަށް ތައުބާ ވެފައިވާ ކަމަށް ބުނެ ޝަރީއަތަށް ހާޒިރުވެ ތިބި ގާސިމްގެ އާއިލާ މެންބަރުންގެ ކިބައިން އޭނާ މައާފަށް އެދުނެވެ.

ގާޒީ ސުވާލު ކުރުމުން އަދުހަމް ބުނެފައިވަނީ ގާސިމް މަރާލި ކަމަށް ބުނެ ފުލުހުންނަށް ދީފައިވާ ބަޔާނަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ދީފައިވާ ބަޔާނެއް ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި އަދުހަމް ކުށަށް އެއްބަސްވެފައިވާތީ، ހެކިން ހާޒިރު ނުކޮށް، ފޮރެންސިކް ރިޕޯޓްތަކުގެ ސައްހަކަމާ މެދު އަދުހަމްގެ ފަރާތުން ސުވާލު ނުއުފައްދާ ނަމަ، އެ ރިޕޯޓް ހެދި މީހުން ހާޒިރު ނުކުރިޔަސް، މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު އޮތްގޮތުން ވާރިސުން ބޭނުންވާނަމަ ގަސްދުގައި މީހަކު މަރައިފި ނަމަ އޮންނަނީ މަރަށް މަރު ހިފުން ނުވަތަ މަރުގެ އަދަބެވެ. އަދި ވާރިސުން އެކަމަށް ބޭނުން ނުވާ ނަމަ، އޮންނާނީ ތައުޒީރީ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމުގެ (25 އަހަރު) ހުކުމެކެވެ.

އެކަމަކު، އަދުހަމްއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމުގައި ވާގޮތުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންނުވާ ހާލަތެއްގައި، އުމުރަށް ޖަލަށްލުމުގެ އަދަބެއްގެ ބަދަލުގައި އަދުހަމަށް ދޭނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ އެއްބަސްވުން ބަލައިގަތުމަށް ކޯޓުން ވެސް ވަނީ ނިންމައިފަ އެވެ.

މިއަދު އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑު އެހުމެއްގައި ގާސިމްގެ ވާރިސުންގެ ބަޔާން ނެގުމަށް ފަހު ހުކުމް އިއްވުން އޮންނާނެ ކަމަށެވެ.

އެ އަޑުއެހުން އޮންނާނީ އަންނަ ހަފްތާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް