މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިސްތިސާދަށް ލިބެމުންދާ ގެއްލުން ފެންނަން ފަށާނީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދުގެ މައި މަރުކަޒަކީ ޗައިނާކަމަށްވާތީ ޗައިނާގެ އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމެއް އެހެން ގައުމުތަކަށް އަންނާނެ ކަމަށެވެ. އެގޮތުން ކޮރޯނާ ވައިރަސް އާއި ގުޅިގެން ގައުމުތަކުގެ އިގްތިސާދަށް ކުރާ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށެވެ.
އެ އަސަރުތަކުގެ ނަތީޖާ ފެންނަން ފަށާނީ މިނިސްޓަރު ވިދާޅުވީ ތިން މަހެއްހާ ދުވަސް ފަހުންނެވެ. އެކަމަކު އާމްދަނީ މާބޮޑަށް ދައްވާނެ ކަމަށް ލަފާއެއް ނުކުރައްވަ އެވެ.
"އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި އާމްދަނީ ދަށްވެގެން ދާނެ. ނަމަވެސް މީގެ ގެއްލުން ފެންނަން ފަށާނީ ތިން ހަތަރު މަސް ފަހުން ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ދުނިޔޭގެ އިގުތިސާދުގެ ފެކްޓްރީއަކީ ޗައިނާ. ޗައިނާގެ މާކެޓަށް، ޗައިނާގެ އިގުތިސާދަށް އަންނަ ކޮންމެ ލޮޅުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގުތިސާދަށް އަންނާނެ ލޮޅުމެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގްތިސާދަށް ގެއްލުންވިޔަސް މި އަހަރަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްތައް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭކަމަށް އަމީރު ވިދާޅުވި އެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ކޮރޯނާ ވައިރަސާއި ގުޅިގެން މިދިޔަ ހަފްތާގެ ނިޔަލަށް13،000 ބުކިން ޗައިނާއިން ކެންސަލް ކޮށްފައިވާއިރު ޗައިނާ މަގުން އަންނަ އެއްވެސް މީހަކަށް ރާއްޖެއަށް ވަނުން ދިވެހި ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް