ބްރޯދްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން އެމަގާމަށް ކުރިމަތި ބޭފުޅުންގެ ނަންތަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.
މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އެންމެ ފުރަތަމަ ލިސްޓުގައި ހިމަނާފައިވަނީ ކުރިންވެސް ބްރޯޑްކޮމްގެ މެންބަރަކަށް ކުރިމަތިލެއްވި ސަންގުޓީވީގެ ޕްރެސެންޓާ ޝިފްލާ އިބްރާހިމް އެވެ. ޝިފްލާ އާއި އެކު މިފަހަރު މެންބަރުކަމަށް15 ބޭފުޅަކު ކުރިމަތިލައްވާފަ ވެ އެވެ.
މީގެ ކުރިން ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވާލުމުން ޝިފްލާ ކުރިމަތިލެއްވި އެވެ. އެ ފަހަރު ލިސްޓުގެ ކުރީގައި ޝިފްލާ ނަން އޮތް ނަމަވެސް މަޖިލީހުން ފާސް ކުރީ ޝިފްލާގެ ބަދަލުގައި އެ މަގާމަށް ރާއްޖެޓީވީ އާއި ހަވީރު ނޫހުގެ ކުރީގެ ނިއުސް އެޑިޓަރު އަލީ ޔޫސުފުގެ އައްޔަން ކުރާށެވެ.
މިފަހަރު ދެ ވަނަ ނަމެއްގެ ގޮތުގައި ފޮނުވާފައިވަނީ ވީމީޑިއާގެ އެސިސްޓެންޓް ނިއުސް އެޑިޓަރު އާމިނަތު އަމީނާ (އަނާ)ގެ ނަމެވެ. މީގެ ކުރިން ބްރޯޑްކޮމްއިން ހުސްވި މެންބަރު ކަމުގެ މަގާމަކަށް އަނާވެސް ކުރިމަތި ލިއެވެ. އެފަހަރުވެސް އަނާގެ ނަން އޮތީ ދެވަނަ އަށެވެ. އެފަހަރު ބްރޯޑްކޮމްއަށް އައްޔަން ކުރަން ފާސްވެފައިވަނީ މިހާރު އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާގެ ނަމެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބެވީ ހަ މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު އަލީ ޔޫސުފުގެ އިތުރުން، މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ސަހާރަތު އިއްޒަތު، އަދި މެންބަރު ޒީނާ ޒީނާ ޒާހިރު އެވެ. ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް