މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންނެވި އަނަސް އަބްދުއް ސައްތާރު އެ މަގާމު ހޯއްދަވާނީ12،000 ވޯޓާއި އެކު ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އަނަސްއާ އެންމެ ގާތުން ވާދަކުރާ އިދިކޮޅު ކެންޑިޑޭޓަކަށް 1500 ވޯޓްވެސް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީ އިދިކޮޅު ކެންޑިޑޭޓުން ބަލިކޮށް ބޮޑު ކާމިޔާބެއް ހޯދާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އެންމެ ބޮޑު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަނަސް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. ނަޝީދު ވިދާޅުވީ އޭނާ ދެން ފެނިވަޑައިގަންނަވާނީ މާލޭގެ މޭޔަރުގެ ގޮތުގައި ކަމަށާއި އެކަމަށް ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ ބައްލަވަން ތިއްބަވާ، އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަ ވެސް ޝައްކެއް ނެތް. އެންމެ ގާތްކުރާ މީހާ 1500 ވޯޓް ވެސް ނުނަގާނެ، ބައްލަވާތި." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އާއި ވާދަކުރަން އިދިކޮޅު މައި ޕާޓީން މޭޔަރު ކަމަށް ވާދަ ކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒެވެ. އަދި އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީވެސް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް