ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އައްޑޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައ...

12 Feb 2019 | 11:59

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ތަނެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން އާއި ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، އައްޑު އަކީ ރާއްޖޭގެ އިގުތިސާދު ގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށެވެ. އައްޑޫ ގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރައްދީން ވިދާޅުވި ގޮތުގައި ބީއެމްއެލްގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުތަކާއި އަމިއްލަ ފަރުދުންނާއި އަދި އެކި ފެންވަރުގެ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ބޮޑު އެހީއެއް ދިނުން ކަމަށެވެ. އެގޮތުން މިއަހަރުތެރޭ މާލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުށީގައި މިފަދަ ބިޒްނަސް ސެންޓަރުތަކެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ނޫރައްދީން ވިދާޅުވިއެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ އެވެ. ވިޔަފާރިއާ ގުޅޭ ލަފަ އާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާ ގައި އެހީތެރިކަން އެ ތަނުން ލިބޭނެ އެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް