ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހަ...

12 Feb 2019 | 05:08

"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ކޮމިޓީން، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކުރައްވައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދެވިއިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި މި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން، ވަރަށް އަވަސް މުސްތަގުބަލެއްގައި މީޑިޔާ މެދުވެރިކޮށް އާންމުންނަށް މި މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގައި ކޮމިޓީން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި  ވިދާޅުވިއެވެ. އަދި، ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް