އިންޑިއާއިން ރާއްޖެއަށް ގެންނަން އުޅެނީ "ސްލޯ އިންވޭޝަން" އެއް ކަމަށާއި ދިވެހިންނަށް ހޭލެވޭއިރު އޮންނާނީ ފިލްމު ނިމިފައި ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކު ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓު ކުރައްވާފައިވަނީ ކުރިން ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް އިންޑިއާ ސިފައިން ތިބީ ރާއްޖޭގައި ނޫންތޯ؟ މި ސުވާލު ކުރަމުންދާތީ އެ ސުވާލަށް ޖަވާބުދެއްވުމުގެ ގޮތުންނެވެ.
"އަޅުގަނޑު ހޯމް މިނިސްޓަރު ކަމާ ހަވާލުވެ ހުރި އިރުވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ނޫންހޭ ބައެއް ބޭފުޅުން ވިދާޅުވާތީ ދަންނަވަން" އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ސަރުކާރުން އިންޑިއާއާއެކު 2010 ވަނަ އަހަރު ވެފައި އޮތް އެއްބަސްވުން އިތުރަށް އައު ނުކުރުމަށާ، އެގްރިމެންޓް ހަމަވުމުން ސިފައިން އަނބުރާ ފޮނުވާލުމަށް، ކެބިނެޓްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އުމަރުވެސް ހިމެނިގެން 2014 ވަނަ އަހަރު ނިންމި ކަމަށެވެ.
"އަޅުގަނޑު ސަރުކާރުން ވަކިވިފަހުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވި ދުވަހު، ރައީސް ޔާމީން ސަރުކާރުން ވަނީ އެ ދުވަހުގެ ނިންމުން ތަންފީޒު ކުރައްވާ، ސިފައިން އަނބުރާ ދިއުމަށް އަމުރުކޮށްފަ" އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރުން އެ އެގްރީމެންޓް އަލުން އައުކޮށްދީ، އިންޑިއާގެ އިތުރު މިލިޓަރީ އެސެޓުތައް ރާއްޖެއަށް ގެނައުމަށް މިވަނީ އެއްބަސްވެފައިކަމަށެވެ. ހެލިކޮޕްޓަރު، ޑޯނިއާ މަތިންދާ ބޯޓު، ރާޑަރު ފަދަ އިންޑިއާގެ މިލިޓަރީ ހާޑްވެއާ ތަކަކީ މި ގައުމުގެ މިނިވަންކަން އަތުލާ ދުވަހު އަޅުގަނޑުމެނާ ދެކޮޅަށް ބޭނުންކުރާނެ ވަސީލަތްތައް ކަމުގައިވެސް އުމަރު ވިދާޅުވެފައިވެއެވެ.
"މިއީ ސްލޯ އިންވޭޝަނެއް، ދިވެހިންނަށް ހޭލެވޭއިރު ފިލްމު އޮންނާނީ ނިމިފަ، އެ ސަބަބަށްޓަކައި ދިވެހި ގައުމިއްޔަތު ހޭލައްވަން އަޅުގަނޑު ކުރާ މަސައްކަކެއް މިއީ" އުމަރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް