މިހާރު ސިނަމާތަކުގައި އަޅުފާއިވާ އަކްޝޭ ކުމާރުގެ ފިލްމު ޕެޑްމޭންގެ ސްކްރިޕްޓަކީ ކޮޕީކޮށްފައިވާ ސްކްރިޕްޓެއްކަމަށް ބުނެ މީހަކު ދަޢުވާކުރަން ފަށައިފިއެވެ.
ރިޕޫ ދަމާން ޖައިސްވަލް ބުނާގޮތުން ޕެޑްމޭން ގެ ސްކްރިޕްޓްގައި އޭނާ މިދިޔަ އަހަރު ލިޔެ ދަރްމާ ޕްރޮޑޮކްޝަންއަށް ހުށަހަޅާފައިވާ ސްކްރިޕްޓްގެ ތަންތަން ކޮޅު ކޮޕީކޮށްފައިވާ ސްކްރިޕްޓެއްކަމުގައެވެ. އެކަން ބަޔާންކޮށް ފޭސްބުކް އާއި ޓްވިޓަރ އަށް އޭނާ ވަނީ އޭނާ ލިޔުނުކަމަށްބުނާ ސްކްރިޕްޓާއި ޕެޑްމޭންގެ ސްކްރިޕްޓް ޕޯސްޓްކޮށްފައެވެ. އަދި ދަރްމާ ޕްރޮޑަކްޝަންއަށް އޭނާ މިދިޔަ އަހަރު ހުށަހެޅި ސްކްރިޕްޓްގެ މެއިލްވެސް ވަނީ ޕޯސްޓްކޮށްފައެވެ. ރިޕޫ ބުނެފައިވަނީ ޕެޑްމޭންގެ ނަމުގައި ޓްވިންކަލް ކަންނާ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރާނެކަން އިއުލާންކޮށްފައިވަނީ އޭނާ ސްކްރިޕްޓް ސްޓޫޑިއޯއަށް ހުށަހެޅިފަހުން ކަމުގައެވެ.
ކޮޕީކޮށްފައިވާކަމަށްބުނާ ސީންތަކާއި ޑައިލޮގްތަކާއި ގުޅޭގޮތުން ރިޕޫ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕެޑްމޭންގެ 11 ސީން އެއްވަނީ ކޮޕީކޮށްފައިކަމަށާއި މިމައްސަލާގައި އޭނާ ކޯޓަށް ދާނެކަމުގައެވެ. މިކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރ އާރު ބަލްކީ ވަނީ ރިޕޫ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. ބަލްކީ ބުނީ ކޮންމެ ފިލްމެއް އަޅުވާއިރުވެސް އެފަދަ ކަންކަން ހިނގާކަމަށެވެ. ޕެޑްމޭންއަކީ މުރުގުނަތަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްކަމަށާއި ރިޕޫ އެބުނަނީ މިފިލްމުގައި މުރުގުނަތަމްގެ ހަޔާތް ދައްދުވައިދީފައިވަނީ އޭނާ ލިޔުނުކަމަށް ބުނާ ސްރިޕްޓުންތޯ ބުނެ ބަލްކީ ވަނީ ސުވާލުއުފައްދާފައެވެ.
އަކްޝޭ ކުމާރު، ސޯނަމް ކަޕޫރު އަދި ރާދިކާ ހަރަކާތްތެރިވެފައިވާ މިފިލްމު މިހާތަނަށް 40 ކްރޯޑް ރުޕީސް ހޯދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް