ހަމަނުޖެހުން  ހިންގުމުގެ ފުރުސަތު ނުދޭނަން: ސަލާމަތީ ބާރުތައް

އަންނަ ހުކުރު ދުވަހު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށާއި އެ ކަމަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ...

12 Feb 2018 | 13:59

އަންނަ ހުކުރު ދުވަހު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށާއި އެ ކަމަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

ސިފައިންނާއި ފުލުހުންގެ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް މިކަމާއި ގުޅިގެން އިއްވާފައިވާއިރު ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކުއްލި ނުރައްކަލު ހާލަތުގައި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވީނަމަވެސް ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.

"އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން، ރަށް ރަށުން މީހުން އައުމަށް ހިތްވަރުދޭ މީހުންނާއިމެދުވެސް ފިޔަވަޅު އަޅާނަން" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރާނަމަ ފުލުހުން ޓޯލަރޭޓް ނުކުރާނެ ކަމަށެވެ.

އެމްއެންޑީއެފްގެ ސްޓޭޓްމަންޓް އިއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމް ކޮށްދިނުމަކީ ސަލާމަތީ ބާރުތަކަށް މަތިކޮށްފައިވާ ވާޖިބެއް ކަމަށާއި 16 ފެބްރުއަރީގައި އެއްވުމަކީ ހަމަނުޖެހުން ނަގާލުމަށް ހިންގާ ކަމެއް ކަމަށެވެ. އަދި އެކަމަށް އިޖާބަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށާއި އެއްވެސް ފަރާތަކަށް އެފަދަ ފުރުސަތެއް ނުދޭނެ ކަމުގައި އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް