އިޓާލިއަން ލީގުގައި ރޭ ފަހަތުން އަރާ ލާޒިއޯ އަތުން 4-1 ގެ ނަތީޖާއިން މޮޅުވެ އަނެއްކާ ވެސް ނަޕޯލީ ލީގު ތާވަލުގެ އެއް ވަނައަށް އަރައިފިއެވެ.
ރޭ ނަޕޯލީ ކުޅުނު މެޗުގެ ކުރިން ތާވަލުގެ އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން ޔުވެންޓަސްއެވެ. ނަޕޯލީ-ލާޒިއޯ މެޗުގެ 24 ގަޑިއިރު ކުރިން ކުޅުނު މެޗުގައި ޔުވެންޓަސް ވަނީ 2-0 އިން ފިއޮރެންޓީނާ އަތުން މޮޅުވެފައެވެ.
ރޭގެ މޮޅާއެކު ނަޕޯލީ މި ވަގުތު ތާވަލުގެ 1 ވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. ދެ ވަނައިގައި އޮތް ޖުވެންޓަސްއަށް 24 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ލާޒިއޯ އިންނެވެ. މެޗުގެ 3 ވަނަ މިނިޓުގައި އިމޯބައިލް ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ސްޓެފަން އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީއަށް އެއްވަރު ކޮށްދިނީ ހޯސޭ ކަޔެހޯން އެވެ. އޭނާ މި ލަނޑު ޖެހީ ޖޯޖީނޯ ދިން ތްރޫ ޕާހަކުންނެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ނަޕޯލީއަށް ލީޑު ލިބުނީ ލާޒިއޯގެ ވެލޭސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ދެ މިނިޓު ފަހުން މާރިއޯ ރުއީ ކާމިޔާބު ކުރި ލަނޑާއެކު ނަޕޯލީން ލީޑު އިތުރަށް ފުޅާ ކުރިއެވެ.
ނަޕޯލީގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޑްރައިސް މާޓެންސް އެވެ. 73 ވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ ޒިއެލިންސްކީ ދިން ބޯޅައަކުންނެވެ.
އިޓާލިއަން ލީގުގައި ނަޕޯލީ މި ހޯދި މޮޅާއެކު ތިން ވަނައިގައި އޮތް ލާޒިއޯގެ މައްޗަށް 17 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައި ވިޔަސް، ދެ ވަނައިގައި އޮތް ޔުވެންޓަސް އާ ދެމެދު އެންމެ ޕޮއިންޓެއްގެ ފަރަގު އޮތުމުން ލީގުގެ ފޯރި ވަނީ ގަދަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް