ނިއުކާސަލް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް 16 ޕޮއިންޓް ފަހަތުގައި!

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް އަތުން 1-0 ގެ ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ، މެންޗެސްޓާ ސިޓީ އާ ދެމެދު އޮތް ފަރަގު 16 ޕޮއިންޓަށް ބޮޑުވެއްޖެއެވެ. ލީގު ތާވަލުގެ އެއް ...

12 Feb 2018 | 07:37

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް އަތުން 1-0 ގެ ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ، މެންޗެސްޓާ ސިޓީ އާ ދެމެދު އޮތް ފަރަގު 16 ޕޮއިންޓަށް ބޮޑުވެއްޖެއެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ މި ވަގުތު އޮތީ ކުޅުނު 27 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑް ވެސް އެ އަދަދަށް މެޗު ކުޅެފައިވާއިރު، އެ ޓީމަށް ލިބިފައި ވަނީ 56 ޕޮއިންޓެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނުއިރު، އެ ޓީމަށް މެޗުގެ ފުރަތަމަ ހާފުގައި އެކަށީގެންވާ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވޭ ގޮތެއް ވެސް ނުވިއެވެ. އަނެއްކޮޅުން މެޗުގައި ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންތޮނީ މާޝިއަލް އާއި އެލެކްސިސް ސަންޗޭޒްއަށް މުޅިން ހުސްކޮށް ލިބުނު 2 ފުރުސަތުގައިމެ ލަނޑު ޖެހޭ ގޮތެއް ނުވިއެވެ.

ރޭގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ނިއުކާސަލްއަށް ކާމިޔާބު ކޮށްދިނީ މެޓް ރިޗީ އެވެ. ރިޗީ މި ލަނޑު ޖެހީ ނިއުކާސަލްއަށް ލިބުނު ހިލޭ  ޖެހުމަކުން ޝެލްވޭ މެންޗެސްޓާ ޔުނައިޓެޑްގެ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

ޔުނައިޓެޑުން މެޗުގެ ފަހުކޮޅު ކުރިއަށް ޖެހި ނިއުކާސަލްގެ ގޯލަށް ނުރައްކާ ކުރިނަމަވެސް، ނިއުކާސަލްގެ ގޯލު ބެލެހެއްޓުމަށް ހުރި މާޓިން ޑުބްރަވްކާ ހުރަސްކޮށް ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. މިއީ މާޓިން ނިއުކާސަލްއަށް ކުޅެދިން ފުރަތަމަ މެޗެވެ.

ލީގުގައި ބާކީ 11 މެޗު ކުޅެން އޮތްއިރު، މި ބައްޔާއެކު ޔުނައިޓެޑަށް ވަނީ ލީގަށް ވާދަކުރުމުގެ އުންމީދު މުޅިންހެން ގެއްލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް