އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 ގެ ނަތީޖާއިން ސައުތުހެމްޓަން ބަލިކޮށް، ލިވަޕޫލުން 2 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ 2 ޕޮއިންޓަށް ގާތްކޮށްފިއެވެ.
ދެ ވަނައިގައި އޮތް ޔުނައިޓެޑް ރޭގައި ކުޅުނު މެޗުން ނިއުކާސަލް އަތުން ބަލިވުމުގެ ފައިދާ ނަގައި ލިވަޕޫލުން ކައިރިއަށް ޖެހިލިއިރު، ރޭގެ މެޗުގައި ލިވަޕޫލަށް ތަފާތު ދެއްކީ މި ސީޒަންގައި އަލަށް އެ ޓީމާ ގުޅި، މޮޅު ކުޅުމެއް ދައްކަމުން އަންނަ މުޙައްމަދު ސަލާހް އަދި ރޮބާޓޯ ފިރްމީނޯއެވެ.
ރޭގެ މެޗުގައި ޔާގަން ކްލޮޕްގެ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް ވަކިވަކި ކުޅުންތެރިންގެ ފަރާތުން ހުނަރުވެރި ކުޅުމެއް ފެނުނެވެ.
ސައުތުހެމްޓަން އިން ވަރަށް ޑިފެންސިވްކޮށް މެޗު ފެށި ނަމަވެސް، 6 ވަނަ މިނިޓުގައި އެ ޓީމުގެ ވެސްލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފިރްމީނޯ ކާމިޔާބު ކޮށްދިން ލަނޑުން ލިވަޕޫލް ލީޑު ނެގިއެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ސަލާހް އެވެ.
ލިވަޕޫލްގެ ލަނޑަށް ފަހު ފުރަތަމަ ހާފުގެ ބޮޑު ބައިގައި ރަނގަޅަށް ކުޅެމުން ދިޔައީ ސައުތުހެމްޓަން އެވެ. އެ ޓީމަށް ގިނަ ހަމަލާތައް ގޯލަށް އަމާޒުކޮށް ނުލެވުނުއިރު، ގޯލާ އަމާޒުވި ބޯޅަތައް ލިވަޕޫލްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
ލިވަޕޫލަށް ދެ ވަނަ ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދިނީ، ފުރަތަމަ ހާފު ނިމެން ދަނިކޮށް 42 ވަނަ މިނިޓުގައި މުޙައްމަދު ސަލާހް އެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ފިރްމީނޯއެވެ.
މި ސީޒަންގައި ލިވަޕޫލުން މިހާތަނަށް ކާމިޔާބު ކުރި 61 ލަނޑުގެ ތެރެއިން 34 ލަނޑު ޖަހައިދީފައި ވަނީ މުޙައްމަދު ސަލާޙް އާއި ރޮބާޓޯ ފިރްމީނޯއެވެ.
ސަލާހް 22 ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އޭނާ ވަނީ 7 ލަނޑު ޖެހުމަށް މަގުފަހި ވެސް ކޮށްދީފައެވެ. މިއާއެކު ސަލާހް ވެފައިވަނީ، ޕްރިމިއާ ލީގުގައި ކުޅުންތެރިއެއްގެ އަލަތު ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހުމުގައި ޝާމިލްވާ (22 ލަނޑު، 7 އެސިސްޓް) ކުޅުންތެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް