އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއަށް ފަންޑު ލިބިއްޖެ

އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް  (އޭ.ޑީ.އެފް.ޑީ) އިން...

12 Jan 2020 | 15:38

އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް  (އޭ.ޑީ.އެފް.ޑީ) އިން 14 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް  216މިލިއަން ދިވެހި ރުފިޔާ) ދިވެހިރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާ، އެކަން ރަސްމީކޮށް މިއަދު އޭ.ޑީ.އެފް.ޑީ އިން އިޢުލާން ކުރައްވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވާގޮތުގައި މިކަން އިޢުލާން ކުރެވުނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަނާއި، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ.ޙުސައިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ކޯޕަރޭޝަންގެ އިސްއޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނުބިރީގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ޠަބީޢީގޮތުން ނެތިފަނާވެދާކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ޕްރޮޕޯސަލް ދިވެހިރާއްޖެއިން އައިރީނާއަށް ހުށައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އިޢާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް އައިރީނާ އާއި އޭ.ޑީ.އެފް.ޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިން 2020 ވަނަ އަހަރު ވަނީ ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު 8 ގައުމަކަށް ދެއްވާފައެވެ. އައިރީނާ - އޭޑީއެފްޑް ޕްރޮޖެކްޓް ފެސިލިޓީގެ 7 ވަނަ ބުރުގައި 95 ޤައުމަކުން ވާދަކޮށްފައި ވެއެވެ. މީގެ ތެރެއިން މިއަހަރު ފައިސާ ހަމަޖެހިފައިވަނީ 8 ޤައުމަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް