ބީއެމްއެލްއިން އިސް ދެ މަގާމަކަށް ބޭފުޅުން އައްޔަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް ރިސްކް އޮފިސަރ ގެ މަގާމަށް މރ. ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މިސް ސުރީ ހާނިމް މުޙައްމަދު ހަމަޖައްސައިފިއެވެ. ބޭންކާ ގުޅިވަޑައިގަތުމުގެ ކ...

12 Jan 2020 | 07:26

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް ރިސްކް އޮފިސަރ ގެ މަގާމަށް މރ. ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މިސް ސުރީ ހާނިމް މުޙައްމަދު ހަމަޖައްސައިފިއެވެ.

ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިންގ އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.

ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމްތަކެއް ފުރުއްވައި 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ. ސުރީވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކަމާއި އެގްޒެކްޓިވް ޑިރެކްޓަރ ގެ މަގާމްވެސް ފުރުއްވާފައެވެ.

" ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީވެސް  އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަޤްވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގ ޚިދުމަތް އިތުރު ހަރުފަތަކަށް ދިޔުން. ގެރީ އާއި ސުރީގެ އަށް ކާމިޔާބީއަށް އެދެން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް