މެޗުގެ 50 ވަނަ މިނިޓުގައި މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު 1-0 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށް، ލިވަޕޫލް އިން އަނެއްކާ ވެސް ލީގު ތާވަލުގެ އެއް ވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވެ 4 ޕޮއިންޓަށް ލީޑު ހަނިވުމަށްފަހު، އެފްއޭ ކަޕުން ވެސް ކަޓާފައި އޮތް ލިވަޕޫލްއަށް މިރޭ މޮޅަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަަކަށް ވާނެއެވެ. އެހެނަސް، މި ހަފުތާގައި ސިޓީ ކުޅޭ މެޗުން އެ ޓީމު މޮޅު ވެއްޖެނަމަ، އަނެއްކާ ވެސް ސިޓީ އާއި ލިވަޕޫލްގެ ފަރަގު 4 ޕޮއިންޓަށް ކުޑަވާނެއެވެ.
ބްރައިޓަން އިން ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނުއިރު، މިރޭގެ މެޗުގައި ލިވަޕޫލްގެ ވަރުގަދަ ފޯވާޑުންނަށް ރަނގަޅު ހަމަލާތަކެއް އުފައްދަން އުނދަގޫތައް ކުރިމަތިވިއެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު، ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ސަލާހް ކާމިޔާބު ކުރިއިރު، މިއީ ބްރައިޓަންގެ ޑިފެންޑަރ ޕަސްކަލް ގްރޮސް ސަލާހްއަށް ކުރި ފައުލްއަކަށް ދިން ޕެނަލްޓީއެވެ. މި ލަނޑާއެކު މުހައްމަދު ސަލާހް ވަނީ ޕްރިމިއާ ލީގުގައި 14 ލަނޑު ހަމަކޮށް، ލަނޑު ލިސްޓްގެ އެއް ވަނައިގައި ހެރީ ކޭން އާއި އައުބަމަޔަން އާ ހަމަހަމަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް