އުމުރުން ދުވަސްވީ މީހުން ބެލުމަށް ހާއްސަ މަރުކަޒެއް ހަދަނީ

އުމުރުން ދުވަސްވީ މީހުން އުޅުމަށް ހާއްސަ މަރުކަޒެއް ގާއިމްކުރުމަކީ، މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓ...

12 Jan 2019 | 14:06

އުމުރުން ދުވަސްވީ މީހުން އުޅުމަށް ހާއްސަ މަރުކަޒެއް ގާއިމްކުރުމަކީ، މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވިގޮތުގައި، ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައިވާ އުމުރުން ދުވަސްވީ މީހުން، މިހާރު ގެންގުޅެމުން ދަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށާއި، އަދި އެތަނުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަ އަށް ނުދެވޭ ކަމަށެވެ. އަދި ގުރައިދޫގައި ހުންނަ އެ މަރުކަޒަކީ، އެކި ކަހަލަ ސުކުނޑީގެ އުނިކަން ހުންނަ ފަރާތްތަކަށް ހާއްސަ މަރުކަޒެއް ކަމަށާއި، މީގެ ސަބަބުން އެތާ އުޅެމުންދާ ބައެއް ދުވަސްވީ މީހުންނަށް އެކިއެކި ނަފްސާނީ މައްސަލަތާކައި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ޝިދާތާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް އަމާން އަދި އުޅެން ހިތްފަސޭހަ ވެއްޓެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން، ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވަމުން ދާއިރު، އެފަރާތްތަކަށް މުޖުތަމައުގައި ލިބެންޖެހޭ ރައްކާތެރިކަން ހޯދައި ދިނުމަށް ދުރާލައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ އުމުރުން ދުވަސްވީ މީހުން އުޅުމަށް ހާއްސަ މަރަކުޒު ތަކެއް ގާއިމުކުރުމުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅުއްވާ ކަމަށް ޝިދާތާ ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭންވެސް ކޮންމެވެސް ވަރަަކަށް އެ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް