ހިނގާ މީހުންނަށާއި ވެހިކަލްތައް ޕާކް ކުރަން ދަތިވާގޮތަށް ބަހައްޓާފައި ހުރި ޕެލެޓްތައް މާލޭގެ މަގުތަކުގެ މަތިން ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ މާލެއަކީ އިޖްތިމާޢީގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ސިޓީކައުންސިލުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރަމުންދާ ކަމެއްކެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕޭވްމަންޓް މައްޗަށް އަރައި ފޭބުމަށް ޚާއްޞަ ކޮށްފައި ހުންނަ ތަންތަނާއި މީހުންނަށް ދަތިވާގޮތަށް ޕެލެޓާއި އެނޫންވެސް ތަކެތި ބަހައްޓާފައި ހުންނަ ތަންތަން ބަލައި އެ ތަކެތި ނަގަމުންދާކަމަށް ސިޓީ ކައުންސިލާއި ހަވާލާދީ ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އެގޮތުން މިއަދު ހެނދުނު 10 ޖެހުމާއި ހަމައަށް 500 އަށްވުރެ ގިނަ ޕެލެޓް މާލޭގެ މަގުމަތިން ނަގާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި މި މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމުގައިވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
https://twitter.com/MaleCitymv/status/1083949255851528192
ސިޓީކައުންސިލުން ބުނެފައިވާގޮތުގައި މިހާރު ކުރިއަށްދަނީ ބޮޑެތި މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތެކެވެ. މާލޭގެ ބައެއް ގަރާޖުފަދަ ތަންތަނުގެ ކުރިމަތީގައި ޕާކު ނުކުރެވޭގޮތަށް ދަމާފައި ހުންނަ ޗޭނުފަދަ ތަކެތިވެސް ނަގާނެ ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވާގޮތުގައި މިތަކެތި ނަގަމުންދާއިރު ގަރާޖުތަކާއި ކްލިނިކްފަދަ ތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭގޮތަށް ހެދުމަށް ހާއްސަ ހުއްދައެއް ސިޓީ ކައުންސިލުން ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ ކައުންސިލަށް އެކަމުގެ ހުއްދައަށް އެދުމުން ހާއްސަ ބޯޑެއް ދޫކުރާނެކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް