ހުކުރު ހުތުބާ: ދަރިވަރުންނާއި އެދުރުންނާއި ބެލެނިވެރިންނަށް ހެޔޮ ނަސޭހަތްތަކެއް !

ދިރާސީ އައު އަހަރުގެ ކިޔެވުން އާދީއްތަ ދުވަހު ފެށުމަށް ސްކޫލުތަކުން ތައްޔާރުވަމުން އަންނައިރު މިއަދުގެ ހުކުރު ހުތުބާގައި ދަރިވަރުންނަށާއި އެދުރުންނަށާއި ބެލެނިވެރިންނަށް ހެޔޮ ނަސޭހަތްތަކެއް ދީފި އެވެ....

12 Jan 2018 | 09:46

ދިރާސީ އައު އަހަރުގެ ކިޔެވުން އާދީއްތަ ދުވަހު ފެށުމަށް ސްކޫލުތަކުން ތައްޔާރުވަމުން އަންނައިރު މިއަދުގެ ހުކުރު ހުތުބާގައި ދަރިވަރުންނަށާއި އެދުރުންނަށާއި ބެލެނިވެރިންނަށް ހެޔޮ ނަސޭހަތްތަކެއް ދީފި އެވެ.

"މާތް ނަބިއްޔާ محمد صلى الله عليه وسلم އިސްލާމީ މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށާއި، މުސްލިމުންގެ ދަރިންނަށް ނިޔަވާ ދެއްވުމަށް ވަރަށް ހާއްސަ އަހައްމިއްޔަތެއް ދެއްވި އެވެ. ހުދު އެކަލޭގެފާނު އެކަމުގައި އިސްވެ ބައިވެރިވެވަޑައިގަތެވެ. ނަތީޖާއަކަށްވީ ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި، އުންމަތެއް ދޮންވެ ފައްކާވުމެވެ. މުސްލިމުންގެ ހިތްތަކުގައި ރަސޫލާ محمد صلى الله عليه وسلم މި އިންދެވި އިލްމު އުނގެނުމުގެ އޮށްތަކުން ފެށި ގަސްތައް ބިޔަވެ، މުޅި ދުނިޔެއަށް ފެތުރުނު އިލްމުގެ ނޫރާނީ ގަސްތަކުން ފޮޅުނު މާމެލާމެލިން ހުވަނދުލައި މީހުން ބިނާކޮށް އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވިއެވެ. ތަރުޖަމާ ކުރުމާއި ފޮތްތައް ލިޔެ ޝާއިއުކޮށް އައު އީޖާދުތައް ކުރި ބޮޑު ހަޟާރަތެއް އުފެދުނެވެ. މި އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ. ސިކުނޑިތައް ހުޅުވުނެވެ. ސުލްހަމަސަލަސްކަން ގާއިމުވިއެވެ. އެއްވެސް ތައައްސުބެއް ނެތް އިންސާނީ އެއްބަނޑު އެއްބަފައިކަމުގެ މާހައުލެއްގައި އެންމެން ދިރިއުޅެވުނެވެ." ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ.

ހުކުރު ހުތުބާގައި ދަރިވަރުންނަށް ބުނެފައިވަނީ މިފެށޭ ދިރާސީ އައު އަހަރު ތިޔަކުދީންނަށް އިލްމީ ރޮނގުތަކުގައި އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅެޅުމަށާއި އިތުރު ހަރަކާތްތަކުން ތިޔަކުދީންގެ މުޅި މާހައުލަށް ދިރުންދިނުމަށް އިސްނަގައި އިލްމީ މައިދާނަށް ނުކުތުމަށެވެ. އަދި ތިޔަކުދިންގެ އިލްމާއި މައުރިފާއިންނާއި އިލްމީ ހަރަކާތްތަކުން އެތަން އާލާކޮށް ދިރުވުމަށެވެ.

"މި ފޮނި ނަތީޖާ ތިޔަކުދިންނަށް ނެރެވޭނީ ހުރިހާ ކަމެއްގައި މަދްރަސާއާއެކު އެއްބާރުލައިގެންނެވެ. މަދްރަސާގެ ގަވާއިދުތަކަށް ބޯލަނބައިގެންނެވެ. މަދްރަސާގެ އެންމެހާ އެއްޗެއްސަށް ހާއްސަކޮށް ކުތުބުހާނާގެ ފޮތްތަކަށާއި ލެބޯޓަރީގެ ސާމާނުތަކަށް ރައްކައުތެރިވެގެންނެވެ. އެއެއްޗެތީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. މީގެ އިތުރުން ތިޔަކުދިންގެ ލޮބުވެތި މުދައްރިސުންނަށް ގަދަރާއި އިހުތިރާމްކޮށްގެންނެވެ. މުދައްރިސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް ތިޔަކުދިންނަށް އަލިކޮށްދޭ ވޮށްތަކެކެވެ. އެބައިމީހުން އެވަނީ ތިޔަކުދިން ތަރުބިޔަތު ކުރުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެފައެވެ. އެމީހުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ." ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ.

ތިޔަކުދިންނަށްޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި، ތިޔަކުދިންނަށް ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުމަށާއި ތިޔަކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައިދިނުމަށާއި އިސްލާމްދީނަށާއި ވަތަނަށްޓަކައި ގުރުބާންވުމަށް ކެރޭ ސިފައިންތަކަކަށްވުމަށް ތިޔަކުދިން ނަފްސުތައް ތައްޔާރު ކުރުމަށާއި އިސްލާމްދީނާއި މި ދިވެހި ގައުމުދެކެ ލޯބިވާ ދަރިންނަށް ވުމަށް ހުކުރު ހުތުބާގައި ދަރިވަރުންނަށް ނަސޭހަތްތެރި ވެފައި ވެ އެވެ.

"އިއްޒަތްތެރި އެދުރުންނޭވެ، އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތުކޮށް އިސްލާމްދީނަށާއި ގައުމަށް ވަފާތެރި ފައިދާހުރި ބަޔަކަށް ހެދުމަށްޓަކައި ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑެވެ. މި ތަރުބިއްޔަތު އެކުދިންނަށް ދެވޭނީ ކެތްތެރިކަމާއި ހިކްމަތްތެރި ކަމާއެކު ތިޔަ އެދުރުން އެ މަސްއޫލިއްޔަތު އަދާކުރައްވައިގެންނެވެ. ތިޔަ އިއްޒަތްތެރި އެދުރުން ކިޔަވާދެއްވާ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ ތިޔަބޭފުޅުންގެ މައްޗަށްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އެކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ ތިޔަ އެދުރުން އެކުދިންނަށް ރަނގަޅުކަމުގައި ދެއްކެވި އެއްޗެކެވެ. އަދި އެކުދިން ހުތުރު އެއްޗެއްކަމުގައި ދެކޭނީ ތިޔަ އެދުރުން އެގޮތަށް ދެކެވަޑައިގަންނަވާ އެއްޗެކެވެ. ވީމާ ތިޔަ އެދުރުން އެކުދިން ދިވެހިބަހަށް އަހުލުވެރި ކުރުވާށެވެ. އިސްލާމްދީން ދެކެ ލޯބިވާ އެދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިވަރުންނަށް ހަދާށެވެ." އެދުރުންނަށް އަމާޒުކޮށް ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ.

މައިންބަފައިންނަށް އަމާޒުކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ދަރިންނަށް ތައުލީމު ދެއްވުމަށްޓަކައި ތިޔަބޭފުޅުން ތިޔަ އަދާކުރައްވާ ދައުރަކީ އެކަމަށް ތާރީފު ހައްގު ދައުރެއް ކަމަށާއި ކުދިންނަށް ބޭނުންވާ ހުރިހާ އެއްޗެއް ފުރިހަމަކޮށް ދެއްވައިގެން ކޮންމެ ދުވަހަކު އެކުދިން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަމަސައްކަތް ކުރައްވާތަން ފެނި އެކަމާ އުފާވާން ޖެހޭ ކަމަށެވެ. ސަރުކާރުން ދިވެހި ގައުމުގެ ދަރިންނަށް ފަހިކޮށްދެއްވާފައިވާ ރަނުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި އެއީ އެކަމަށް އިސްލާމްދީން އަމުރުކުރާ ކަމެއް ކަމަށާއި ދަރިންނަކީ މާތް ﷲ އަހަރެމެންނާ ކުރިމަތި ކުރައްވާފައިވާ ބޮޑު އަމާނާތެއްކަން މައިންބަފައިންނަށް ހުކުރު ހުތުބާގައި ހަނދުމަކޮށްދީފައި ވެ އެވެ. އަދި  އެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮދުއާގެ މަންފާ އަހަރެމެންނަށް ކުރާނެކަން ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް